ދުނިޔެ

ކަޒަކިސްތާން ހަމަނުޖެހުންތަކުގައި 225 މީހުން މަރުވި

ކަޒަކިސްތާންގައި ސަރުކާރުން ގޭހަށް ދިން ސަބްސިޑީޒް ކަނޑާޅުމާ ގުޅިގެން އާންމުން މަގުތަކަށް ނުކުމެ ހިންގި ހަމަނުޖެހުންތަކުގައި 225 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ރަޝިއާގެ ޓާސް ނޫސް އެޖޭންސީން ބުނާ ގޮތުން ހަމަނުޖެހުންތަކުގައި އާންމުންގެ ތެރެއިން 4،353 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި އަމަން ބަަހައްޓާ އޮފިސަރުންގެ ތެރެއިން 3.393 މީހަކަށް އަނިޔާ ލިބުނު ކަމަށެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ނަމަވެސް ބައެއް އަވަތައްތަކުން އިމާޖެންސީ ވަނީ މިހާރު އުވާލާފަ އެވެ.

އަލްމާތީ ހިމެނޭ ގޮތުން ކަޒަކިސްތާންގެ އެކި އަވަށްތަކުގައި ސެކިޔުރިޓީ އޮފިސަރުންނަށް އާންމުން ހަމަލާ ދިނުމުގެ ސަބަބުން މުޅި ގައުމުގެ އަމަން ގެއްލިގެން ދިޔަ އެވެ.

ކަޒަކިސްތާންގައި ސުލްހަ ގާއިމުކޮށް ދެމެހެއްޓުމަށް ރައީސް ގާސިމް ޖޫމާތު ތޮކަޔޭފް ވަނީ ރަޝިއާ އާއި ކުރީގެ ސޯވިއެޓް ގައުމުތަކުގެ އެހީއަށް އެދިފަ އެވެ. އަދި ރަޝިއާ އިސްވެ އޮވެ ކަޒަކިސްތާނަށް އެރި އަސްކަރީ ފައުޖުތައް ގައުމު މަސްލަހަތު ކުރުމަށް ފަހު ވަނީ ފައިބަން ފަށާފަ އެވެ.

ސަރުކާރުން ގޭހަށް ދެމުން ގެންދިއަ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ގޭހުގެ އަގު އުފުލުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. ސަރުކާރުން މިހާރު ނިންމާފައި ވަނީ ގޭހުގެ އަގަށް ބަދަލެއް އަންނާނެ އެއްވެސް ކަމެއް މިވަގުތު ނުކުރުމަށެވެ.

ކަޒަކިސްތާންގައި އެއްގަމު އުޅަނދު ދުއްވަނީ ވެސް ކައްކާ ގޭހުންނެވެ. އެހެންކަމުން އެހާ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ވަސީލަތެއްގެ އަގުބޮޑުވުން އާންމުންނަށް މައްސަލައަކަށްވީ އެވެ.