އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިއާން -- ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އަށް ފޯނުކުރައްވައި -- އެގައުމުގެ ތާއީދު އަބަދުވެސް ރަޝިއާއަށް އޮންނާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ރަޝިއާގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ވެރިކަމުގެ ބާރުތަކުން ކުރާ ހުރިހާ ކަމަކަށް އީރާން މަދަދުވެރި ވާނެ ކަމަށްވެސް ހުސައިން އަމީރު ވިދާޅުވި އެވެ.
ދެވަޒީރުންގެ ފޯނުކޯލުގައި ބައިނަލްއަގްވާމީ މައުލޫތަކަށް ވެސް ބައްލަވާލެއްވި އެވެ. ދުނިޔޭގެ އިގުތިސާދާއި ޔުކްރޭން ހަނގުރާމަ އަދި ހުޅަނގުގެ ނުފޫޒާ ބެހޭ ގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރެއްވި އެވެ.
އީރާންގެ ހާރިޖީ ވަޒީރުގެ މި ފޯނުކޯލަކީ ރަޝިއާއަށް ހުކުރު ދުވަހު ދިމާވި އަސްކަރީ ބަޣާވާތުގެ ބިރުވެރި ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ފޯނު ކޯލެކެވެ.
ރަޝިއާގެ އަސްކަރިއްޔާއަށް މަދަދުވެރިވާ ވެގްނާ ކުލީ ސިފައިންގެ ޖަމާއަތަކުން ރަޝިއާއަށް އަސްކަރީ އިންގިލާބެއް ގެންނާނެކަން އިއުލާންކޮށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވަނީ މަސްރަހު ވަރަށް ބޮޑަށް ހޫނުކޮށްފަ އެވެ.
ޔުކްރޭންގައި ރަޝިއާ ސިފައިންނަށް މަގުފަހިކޮށްދީ އަދި ޔުކްރޭންގެ އަމާޒުތަކަށް -- ރަޝިއާއާ އެއްކޮޅަށް ހަނގުރާމަކުރުމަށް ފަހު ހަމަ ކުއްލިއަކަށް ވެގްނާ ގުރޫޕުން ވަނީ ރާގު ބަދަލުކޮށްފަ އެވެ.
ވެގްނާ ގްރޫޕުގެ ލީޑަރު ޔެވްގެނީ ޕްރިގޯޒިން ވަނީ ރަޝިއާގެ އަސްކަރިއްޔާއަށް ފިލާވަޅެއް އުނގަނައިދޭނެ ކަމަށް ބުނެ ރަޝިއާގެ މަސްލަހަތަށް ހަމަލާދީފަ އެވެ. އަދި ޔުކްރޭންގެ ބޯޑަރު ހުރަސްކޮށް ރަޝިއާއަށް އަރައި ބައެއް އަވަށްތަކަށް ހަމަލާދީފަ އެވެ.
މިހެން ކަން ހިނގައި ދިޔަ ނަމަވެސް ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯ މެދުވެރިވެ ވަޑައިގެން ޕްރިގޯޒިންއާ އެކު ކުރެއްވި މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ވަނީ ނެރެފަ އެވެ.
ލޫކަޝެންކޯ ދެއްވި ނަސޭހަތް ގަބޫލުކޮށް ޕްރިގޯޒިން ވަނީ މޮސްކޯގައި ލޭއޮހޮރުވަން ބޭނުންނުވާ ކަމަށް ބުނެ އޭނާގެ ގެންނަން މަސައްކަތްކުރި ބަޣާވާތް ހުއްޓާލާފަ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް ވަނީ މިކަމާ ޝޮކްޖެހިވަޑައިގެން ޕްރިގޯޒިންގެ ނަން ވިދާޅުނުވެ ޚާއިނުންނަށް ހަރުކަށި އަދަބުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ވެގްނާ ގުރޫޕަށް އިތުބާރުކުރުމުން އެ މީހުންނަށް ކޮށްދޭން އެނގުނު ކަމަކީ ރަޝިއާގެ ބުރަކައްޓަށް ވަޅިހެރުން ކަމަށް ޕޫޓިން ވަރަށް ބޮޑަށް ކޯފާއިސްކުރައްވައި ވަނީ ގައުމާ މުޚާތަބުކުރައްވާފަ އެވެ.