ވެގްނާ ގުރޫޕުގެ ލީޑަރު ޔެވްގެނީ ޕްރިގޯޒިން އިސްވެ ހުރެ ރަޝިއާއަށް އަސްކަރީ އިންގިލާބެއް ގެނެސް ބަޣާވާތްކުރަން އުޅުނުކަން އެމެރިކާގެ އިންޓެލިޖެންސަށް މީގެ ދުވަސްތަކެއް ކުރިން އެނގިފައި އޮތް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
އެމެރިކާގެ ނޫސްތަކުން ފަތުރާފައި ހުރި ޚަބަރުތައް ބުނާ ގޮތުން -- ޕްރިގޯޒިން ބަޣާވާންކޮށްފާނެކަން އިންޓެލިޖެންސަށް އެނގުމާ ހިސާބުން، ވައިޓް ހައުސް އަށާއި އަދި ކަމާ ގުޅޭ ސީކްރެޓް ސާވިސް އޭޖެންޓުންނަށް އެކަން އަންގާފައިވާ ކަމަށެވެ.
އިންޓެލިޖެންސުން މި ގޮތަށް ކަން ކުރީ އެމެރިކާ ސަރުކާރަށް ކުއްލި ސިހުމެއް އަތުވެދާނެތީ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގައި އަދި ގާނޫންހަދާ މަޖިލީހުގައި ވެސް ޕްރިގޯޒިންއާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ނޫސްތައް ބުނެ އެވެ. އަދި ޕްރިގޯޒިންގެ ބަސްމަގު ހުރި ގޮތުންނާއި ސޯޝަލް ޕްލެޓްފޯމްތައް އޭނާ ބޭނުންކުރި ގޮތުން ރަޝިއާގެ ދިފާއީ ވުޒާރާއަށް ލަނޑެއް ދީފާނެކަން އޮތީ އަންދާޒާކުރެވިފައި ކަމަށް ވެސް ނޫސްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ކުރިއާލައި ވެގްނާ ގުރޫޕްގެ ވާހަކަ ނުދެއްކީ އެއީ އެމެރިކާއިން ކުރަން އުޅޭ ކަމެއް ކަމަށް ރަޝިއާ ތުހުމަތުކޮށްފޭނެތީ ކަމަށެެވެ.
އޭރުން ހުރިހާ ބަދުނާމެެއް އެޅޭނީ އެމެރިކާ ސަރުކާރުގެ ބޮލުގައި ކަމަށް ވެސް ނަން ހާމަނުކުރަން އެދޭ އޮފިޝަލަކު ޚަބަރަށް ވިދާޅުވި އެވެ.
ވެގްނާ ގުރޫޕަކީ ރަޝިއާގެ މަސްލަހަތު އޮންނަ އަސްކަރީ ކުރިމަތިލުން ތަކުގައި -- ރަޝިއާ ސިފައިންނަށް މަދަދުވެރިވާ ކުލީ ސިފައިންގެ ޖަމާއަތަކެވެ.
މި ގުރޫޕުން ރަޝިއާއަށް އަސްކަރީ އިންގިލާބެއް ގެންނާނެކަން ހުކުރު ދުވަހު އިއުލާން ކުރުމާ ގުޅިގެން -- ޖެހިގެން ހިނގައިދިޔަ ވަގުތު ތަކުގައި މަސްރަހު އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.
ޕްރިގޯޒިންގެ ހިތުގައި އުފެދުނު ނަތަނަވަސް ކަމެއްގެ ސަބަބުން ރަޝިއާގެ ދިފާއީ ވުޒާރާއަށް ވަރަށް ހުތުރުކޮށް މުޚާތަބުކޮށް ވަނީ ރަޝިއާގެ އަސްކަރިއްޔާއަށް ފިލާވަޅެއް އުނގަނައިދޭނެ ކަމަށް ބުނެ އެވެ.
އަދި ރަޝިއާގެ މަސްލަހަތަށް ހަމަލާދީ ހެލިކޮޕްޓަރެއް ވައްޓާލައި -- ޔުކްރޭންގެ ބޯޑަރު ހުރަސްކޮށް ރަޝިއާއަށް އަރައި ބައެއް އަވަށްތައް ވަނީ ހިފާފަ އެވެ.
އެހެން ނަމަވެސް، ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯ މެދުވެރިވެ ވަޑައިގެން ޕްރިގޯޒިންއާ އެކު ކުރެއްވި މަޝްވަރާތައް ކޮޅެއްގައި ޖެހި އޭނާ ވަނީ މޮސްކޯއަށް ހަމަލާނުދޭނެ ކަމަށް ބުނެފަ އެެވެ.
ލޫކަޝެންކޯ ދެއްވި ނަސޭހަތް ގަބޫލުކޮށް ޕްރިގޯޒިން ވަނީ މޮސްކޯގައި ލޭއޮހޮރުވަން ބޭނުންނުވާ ކަމަށް ބުނެ އޭނާގެ ގެންނަން މަސައްކަތްކުރި ބަޣާވާތް ހުއްޓާލާއި ފައުޖުތަކާ އެކު އެނބުރި ގޮސްފަ އެވެ.