ބޭންކް އޮފް މޯލްޑިވްސް

އާ ވިޔަފާރިއެއް ފަށަން ދެ މިލިއަން ރުފިޔާގެ އެހީ

އާ ވިޔަފާރިއެއް ފަށަން ނުވަތަ މިހާރު ހިނގަމުންދާ ވިޔަފާރިއެއް އިތުުރަށް ތަރައްގީ ކުރަން ދެ މިލިއަން ރުފިޔާގެ އެހީ ދޭން ބީއެމްއެލްއިން ނިންމައިފި އެވެ.

މިއީ މިއަހަރު ނޮވެމްބަރު މަހު ފާހަގަކުރާ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި ސްޓާޓަޕް ގްރާންޓެއް ދަށުން ދޭ އެހީ އެކެެވެ.

މި އެހީ ދޭނީ ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ވިޔަފާރި ޕްލޭންތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށެވެ. މީގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ދޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ވިޔަފާރި ސްޓާޓަޕް ގްރާންޓާއެކު ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދީ ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާއި ބީއެމްއެލްއާ އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާތައް އުފައްދައިދީ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށެވެ.

ޓިމް އިތުުރަށް ވިދާޅުވީ ވީހާވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސްޓާޓަޕް ގްރާންޓަށް އެޕްލިކޭޝަން ފޮނުމުގެ ސުންގަޑިއަކީ 16 މާރިޗް 2022 ދުވަހުގެ ރޭ 12:00 ގެ ކުރިންނެވެ. އެޕްލިކޭޝަން، އަދި ޝަރުތުތަކާއި ޕްރޮސެސް އާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ އެވެ.

ބީއެމްއެލްއަށް 40 އަހަރު ފުރުން ފާހަގަކުުރުމަށް ކޮންމެ މަހަކު ހަރަކާތްތައް ހިންގަން ވަނީ ނިންމައިފަ އެވެ.