ހަބަރު

ބާއްވާނެ ތަނެއް ނެތިގެން ބޯޓުތައް ދެން ދާކަށް ނުޖެހޭނެ: އެއާޕޯޓް އެމްޑީ

  • އޭޕްރޮން ދެގުނަ ބޮޑުކޮށް މިއަދު ވަނީ ހުޅުވާފައި
  • އާ އޭޕްރޮންގައި 350 މީޓަރާއި 75 މީޓަރު ދިގުވާނެ
  • މުޅި މަޝްރޫއަށް ނުވަ މިލިއަން ޑޮލަރު ހަރަދުވި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯތް (އައިއެންއޭއައިއޭ)ގެ ނޯތު އޭޕްރޮން ކުރިއަށް ވުރެ ދެ ގުނަ ބޮޑުކޮށް މިއަދު ހުޅުވައިފި އެވެ. އެއާ އެކު އެއާޕޯޓްގައި ޖާގަ ނެތިގެން ބޯޓްތައް އެކި ސަރަހައްދުތަކަށް ދާން ޖެހޭ ޖެހުމަށް ހައްލުތަކެއް ލިބޭނެ އެވެ.

ޗައިނާގެ "ސައިނޯ ހައިޑްރޯ" ކުންފުންޏާ ހަވާލުކޮށް ގެން އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

އޭޕްރޮން ހުޅުވުމުގެ ގޮތުން ހުޅުލޭ އައިލެންޑް ހޮޓަލްގައި ބޭއްވި، ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ގިނަ އަދަދެއްގެ ޖެޓްތަކާއި އެހެން ވެސް އެއާކްރާފްޓްތައް ރާއްޖެ އަންނަ ކަމަށާއި ނަމަވެސް އެއާޕޯޓްގައި ބާއްވާނެ ތަނެއް ނެތިމުން އެހެން އެއާޕޯޓްތަކަށް ބޯޓުތައް ދާން ޖެހޭ ކަމަށެވެ. އޭގެ ސަބަބުން އެއާކްރާފްޓްތަކަށް ދަތި ވުމުގެ އިތުރަށް އެއާޕޯޓަށް ލިބޭ އާމްދަނީ ތަކެއް ވެސް ގެއްލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިއަދު ހުޅުވިގެންއައި މި އޭޕްރޮންގެ ސަބަބުން އެއާޕޯޓުން ދެވޭ ހިދުމަތްތަކާއި އަދި ޕާކިން އަށް ދިމާވާ މައްސަލަތައް ހައްލުވާނެ. އަދި މިއީ އެއާޕޯޓަށާއި ރާއްޖޭގެ ޓުއަރިޒަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" އާދިލް ވިދާޅުވި އެވެ. 

އާދިލް ވިދާޅުވީ އަލަށް ހެދި އޭޕްރޮންގައި އިތުރު 25 ޖެޓް އެއާކްރާފްޓް ބޭއްވޭނެ އެވެ. އަދި އެއާބަސް - 320 މަރުކާއާ އެއްވަރުގެ އެއާކްރާފްޓް ނަމަ ހަތް ބޯޓު ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ އޭޕްރޯން އެޅުމުގެ މަސައްކަތް އެމްއޭސީއެލްގެ ބަޖެޓުން ކުރިޔަށް ގެންގޮސްފައިވާ އިރު އެކަމަށް ނުވަ މިލިއަން ޑޮލަރު [13.8 މިލިއަން ރުފިޔާ] ހަރަދުވި އެވެ. އަދި އާ އޭޕްރޮންގައި 350 މީޓަރާއި 75 މީޓަރު ދިގު މިން ހުރެ އެވެ.