އުނގޫފާރު

އުނގޫފާރު ހޮސްޕިޓަލްގައި ރަސްމީކޮށް ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި

Jan 16, 2022

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ހިދުމަތް ރަސްމީ ގޮތުން ފަށައިފި އެވެ.

މި ހިދުމަތްތައް މިއަދު ފައްޓަވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އުނގޫފާރަށް ވަޑައިގެން ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ހާއްސަކޮށް ސިއްހީ ހިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަ އަވަސް ހިދުމަތްތަކެއް ދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްގީކޮށް ހިދުމަތްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވި އެެވެ.

ނައިބް ރައީސް ވިދާޅުވީ މިސަރުކާރުން މަސައްކަތްކުރަނީ އެބަޔަކު ދިރިއުޅޭ އަތޮޅުގައި ނުވަތަ ރަށެއްގައި އާއިލާއާ އެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ. އަދި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސިއްހީ ހިދުމަތްތައް ލާމަޒުކަޒުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ނައިބް ރައީސް ވިދާޅުވީ މާލެ ފިޔަވައި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސީޓީ ސްކޭން މެޝިންތަކުން ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި 3000 ވަރަކަށް މީހުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި މި ހިދުމަތްތަކަކީ މީގެ ކުރިން ބޮޑު ހަރަދުކޮށްފައި މާލެ އައިސްގެން ނޫނީ ނުލިބޭ ހިދުމަތްތައްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަތް ފަށައި ނުރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު ދެވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ނިޔަލަށް އެ ހޮސްޕިޓަލުން 45 ސީޓީ ސްކޭން ހަދާފައިވެ އެވެ. މީގެ އިތުރުން މިހާތަނަށް އެ ހޮސްޕިޓަލުން ތިން މެމޮގްރަފީ އަދި 95 އޯޕީޖީގެ ހިދުމަތް ދީފައިވެ އެވެ.