މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޕްރިންސިޕަލުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި

Jan 16, 2022
1

ޕްރިންސިޕަލުންގެ މަގާމަށް ދިވެހިން ތަމްރީންކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގެ "ގައިޑް އެޑިއުކޭޝަން"އާ ގުޅިގެންނެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

މިނިސްޓަރު ވިދާޅުވީ ޕްރޮފެޝަނަލް ތަމްރީނުތައް މަދުވުމަކީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން މިއަދު ފެށި ޕްރޮގްރާމަކީ ދިވެހި ޕްރިންސިޕަލުންނަށް ލިބޭ މުހިއްމު ފުރުސަތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިޕްރޮގްރާމްގެ ތެރެއިން މުދައްރިސުންނަށް އެންމެ ބޮޑަށް ތަމްރީނު ބޭނުންވާ ދާއިރާތައް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ގައިޑް އެޑިޔުކޭޝަނަކީ އޮންލައިންކޮށް މުދައްރިސުން ތަމްރީނުކުރުމަށްޓަކައި، ޑިޖިޓަލް ގިނަ ވަސީލަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ އޮންލައިން ކޯސްތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ލިބިގެންދާނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.