ދުނިޔެ

ސޫދާނުން އަލްޖަޒީރާ ލައިސަންސް ބާތިލުކޮށްފި

ސޫދާންގައި ޓެލެކާސްޓް ކުރުމަށް އަލްޖަޒީރާ މުބާޝަރު ޓެލެވިޒަން ނެޓްވޯކަށް ދޫކޮށްފައި އޮތް ހުއްދަ ބާތިލު ކޮށްފި އެވެ. ސަބަބެއް ކަމަށް އޮފިޝަލުން ވިދާޅުވީ ސޫދާނާ ގުޅުން ހުރި ޚަބަރުތައް ޓީވީ ޗެނަލުން ގެނެސް ދިނުމުގައި ތަކުރާރުކޮށް ޕްރޮފެޝަނަލް މީޑިއާ ކަވަރޭޖުން ބޭރުވުން ކަމަށެވެ.

ލައިސަންސް ބާތިލު ކުރިކަން އަލްޖަޒީރާއަށް އެންގުމަށްޓަކައި ސޫދާންގެ އިންފޮމޭޝަން މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ސޫދާނަށް ވެދާނެ ގޮތަކާ މެދު އަލްޖަޒީރާ އެއްގޮތަކަށް ވެސް ވިސްނާފައި ނުވާ ކަމަށެވެ.

މިހާރު ވެސް އަދަދު ނުކުރެވޭހާ މައްސަލަ ގިނަ ގައުމެއްގައި ޓީވީ ޗެނަލަކުން ގެނެސްދޭ ދެތިން ލަފުޒަކީ ވެސް ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލަކަށް ވެދާނެކަން އަލްޖަޒީރާއަށް އެނގިފައި ނެތުމަކީ ހިތާމަކުރާ ކަމަށް ލިޔެފައިވެ އެވެ.

އެހެން ނަމަވެސް، އަލްޖަޒީރާއިން މިކަމެއް ގަބޫލެއް ނުކުރެ އެވެ. އަލްޖަޒީރާއިން ބުނީ ވަކިކޮޅަކަށް ނުޖެހި ޚަބަރު ފެތުރުމަކީ ޗެނަލްގެ އަސާސް ކަމަށާއި އަލްޖަޒީރާގެ މަސައްކަތްތަކަށް ހުރަސް އެޅުން ކުށްވެރިކުރާ ކަމަށެވެ.

އަލްޖަޒީރާއިން ނެރުނު ބަޔާނެއްގައި ސޫދާން ސަރުކާރަށް ގޮވާލާފައި ވަނީ މިނިވަންކަމާއެކު ޓީވީ ޗެނަލް ހިންގަން ހުއްދަ ދިނުމަށާއި އެ ޗެނަލްގެ ނޫސްވެރިންނަށް އެއްވެސް ހުރަހެއް ނެތި ސޫދާންގައި މަސައްކަތް ކުރެވޭނެ މާހައުލެއް ކަށަވަރުކޮށް ދިނުމަށެވެ.

އަލްޖަޒީރާއިން ބުނާ ގޮތުން ސޫދާންގެ އަމަލަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމެވެ. ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ އިދާރާތަކުންނާއި ނޫސްވެރިކަމާ ބެހޭ އިދާޜާތަކުން ސޫދާންގެ މިއަމަލު ކުށްވެރި ކުރުމަށް އަލްޖަޒިރާ ގޮވާލަ އެވެ.

ސޫދާނުން މީގެ ކުރިން ވެސް އަލްޖަޒީރާ އޮފީސް ބަންދުކުރި އެވެ. އެހެން ނަމަވެސް ދެމަހެއްހާ ދުވަސް ފަހުން އޮޕަރޭޓް ކުރަން އަލުން ހުއްދަ ދިނެވެ.

ސޫދާންގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަ އަކީ އަސްކަރިއްޔާއިން ވެރިކަން ކުރަން އުޅުމެވެ. މިގެ ކުރިން ވެރިކަމުގައި ހުންނެވި އިންތިގާލީ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު، އޮކްޓޯބަރު 25، 2021 ގައި ހައްޔަރު ކުރުމާ ގުޅިގެން ގައުމު އޮތީ ޒުވާރި ތަވަޔަށް ބަދަލުވެފަ އެވެ.

އަސްކަރީ ޖެނެރަލުން ހުށަހެޅި ޝަރުތަކެއްގެ މަތިން ނޮވެމްބަރު 21، 2021 ގައި ހަމްދޫކު އަލުން ވެރިކަމާ ހަވަޅުވެ ވަޑައިގެންނެވި އެވެ.

އެހެން ނަމަވެސް، ޖެނެރަލުންގެ ޝަރުތުތައް ދެމެހެއްޓެން ނެތް ކަމަށް ވިދާޅުވެ ހަމްދޫކު ޖެނުއަރީ 2، 2022 ގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ.