ކުޑަރިކިލު

ކުޑަރިކިލު ސިއްހީ މަރުކަޒު ބަންދުކޮށް މުޒާހަރާ

ބ. ކުޑަރިކިލުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މިއަދު ހެނދުނު އެ ރަށު ސިއްހީ މަރުކަޒު ބަންދުކޮށް މުޒާހަރާ ކޮށްފި އެވެ.

ކުޑަރިކަލު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވީ ސިއްހީ މަރުކަޒު ބަންދުކުރީ ޑޮކްޓަރެއްގެ ހިދުމަތް ނުލިބޭތީ ރައްޔިތުން އެކަމާ ރައްޔިތުން ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އޭނާ ވިދާޅުވީ މަޒުކަޒު ބަންދު ކުރި އިރު އެރަށުގައި ރޯގާއާއި ބޭރަށް ހިންގުން ފެތުރިފައިވާ ކަމަށާއި ފަރުވާގެ ހިދުމަތް ދޭނެ ޑޮކްޓަރަކު ނެތި 10 ވަރަކަށް ދުވަސްވެފައިވާ ކަމަށެވެ. ކުޑަރިކިލު. މީހުން މިހާރު ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް ބ. އަތޮޅު ހޮސްޕިޓަލާއި އުނގޫފާރު ހޮސްޕިޓަލަށެވެ.

"ޑޮކްޓަރު ޗުއްޓީއަށް ދިޔަތާ ދިހަވަރަކަށް ދުވަސް ވެފައިވާ އިރު އޭނާ ޗުއްޓީއަށް އެދިފައި އޮތް ތިން މަސް ކުރިން. އެހެންވީމާ އޭނާ ޗުއްޓީއަށް ދިއުމުގެ ކުރިން ޑޮކްޓަރަކު ހަމަޖެހެން ޖެހޭނެ. މިހާރު އޮންލައިންކޮށް ޑޮކްޓަރަކަށް ދައްކާއިރު ބައެއް ފަހަރު ދެ ގަޑިއިރު ވަރު ވޭ." ހަންނާން ވިދާޅުވި އެވެ.

ހަންނާން އިތުރަށް ވިދާޅުވީ ސިއްހީ މަރުކަޒަށް ޑޮކްޓަރަކު މިއަދު ހަމަޖެހޭނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހަތް ސަތޭކަ އެއްހާ މީހުން ދިރިއުޅެމުންދާ ކުޑަރިކިލުގައި މިހާރުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދެ މީހުން އެބަތިއްބެވެ. އަދި 10 މީހުން ކަރަންޓީނުގައި ވެސް އެބަތިއްބެވެ.