ކުޑަރިކިލު

ކުޑަރިކިލަށް ޑޮކްޓަރަކު ހަމަޖައްސައިފި

ބ. ކުޑަރިކަލުގައި ޑޮކްޓަރަކު ނެތިގެން މުޒާހަރާކޮށް އެ ރަށުގެ ސިއްހީ މަރުކަޒު ބަންދު ކުރި ފަހުން ޑޮކްޓަރަކު ހަމަޖައްސައި އެ ރަށަށް ފޮނުވަން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުޑަރިކިލަށް މިހާރު ޑޮކްޓަރަކު ހަމަަޖައްސައިފައިވާ ކަމަށާއި އެ ރަށަށް މިއަދު ފޮނުވަނީ ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އައި ޑޮކްޓަރެއް ކަމަށެވެ.

މިނިސްޓްރީން ބުނީ ކުޑަރިކިލުގައި ކުރިން ހުރި ޑޮކްޓަރު ޗުއްޓީއަށް ފޮނުވީ އެ މިނިސްޓްރީއަށް ނޭނގި ކުޑަރިކިލު ސިއްހީ މަރުކަޒުން ކަމަށެވެ.

ކުޑަރިކަލު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އިއްޔެ އެރަށުގެ ސިއްހީ މަރުކަޒު ބަންދުކުރީ ޑޮކްޓަރުގެ ހިދުމަތް ނުލިބޭތީ ހިތްހަމަ ނުޖެހިގެން އިއްޔެ ހެނދުނު އެވެ. އޭގެ ފަހުން ސިއްހީ މަރުކަޒު މިއަދު ހެނދުނު ހުޅުވައި މިހާރު ވަނީ އަލުން ހިދުމަތް ފަށާފަ އެވެ.

އާބާދީގައި 700 މީހުން އުޅޭ ކުޑަރިކިލުގައި ޑޮކްޓަރެއް ނެތި 10 ވަރަަކަށް ދުވަސް ވި އެވެ. އެ ރަށުގައި ރޯގާއާއި ބޭރަށްހިންގުން ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދެ މީހުން ވެސް އެބަތިއްބެވެ.

ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނުހުންނާތީ ކުޑަރިކިލު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް ބ. އަތޮޅު ހޮސްޕިޓަލާއި އުނގޫފާރު ހޮސްޕިޓަލަށެވެ.