ޑރ. މުހައްމަދު މުއިއްޒު

ޓީބީ ނައްތާލުމުގެ މަސައްކަތް ދަނީ ހަރުދަނާކުރެވެމުން: ރައީސް

ރާއްޖެއިން ޓިއުބަކިއުލޯސިސް (ޓީބީ) ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޓީބީ ނައްތާލުމުގެ މަސައްކަތުގައި ރާއްޖެ އޮތީ ސާބިތު ކަމާއެކުގައި ކަމަށެވެ.

އެ ގޮތުން ރާއްޖޭގައި ޓިއުބަކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ދެމުންދާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތް ހަރުދަނާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޓީބީ ހުރިކަން އަވަހަށް ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖައްސައި ފުރިހަމަ ފަރުވާ ކަށަވަރު ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ 1998 ވަނަ އަހަރުން ފެށިގެން ޓީބީގެ ކޭސްތައް ދެނެގަތުމުގެ 70 ޕަސެންޓާއި ބަލިން ފަރުވާ ހޯދުމުގައި 85 ޕަސެންޓް ހާސިލްކޮށްފައިވާ ފަސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.