މޯލްޑިވްސް ޕޮލިސް ސާވިސް

ޒާހިދުގެ މައްސަލަ ފުލުހުން ބަލަނީ

Jan 17, 2022
3

ދެން އަންނަ ވެރިކަމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަންޖައްސަން ގޮވާލި އިދިކޮޅު ޕީޕީއެމް ކައުންސިލްގެ މެންބަރެއް ކަމަށްވާ ޒާހިދު ރަމީޒްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މިހާރު ބަންދު ކޮށްފައިވާ ނިއުޕޯޓްގެ ވެރިޔާ، ޒާހިދު އިއްޔެ ކުރި ޓްވީޓެއްގައި އޭނާ ބުނެފައި ވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ގައުމަށް ޣައްދާރުވުމުން އޮންނަ ހުކުމަކީ މަރުގެ ހުކުމް ކަމަށެވެ. އަދި އޭނާ އެންމެ ދެކެން ބޭނުންވަނީ ދެން އަންނަ ވެރިކަމެއްގައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް ޝަރީއަތް ހިންގައި، ރާއްޖޭގެ ގާނޫނުތައް ބަދަލު ކޮށްގެން މަރުގެ ހުކުމް ތަންފީޒުކުރުން ކަމަށެވެ.

އެގޮތުގެ މަތިން އޭނާ އެންމެ ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަންޖައްސަން ކަމަށް އެ ޓްވީޓްގައި ބުނެފައި ވެއެވެ. އޭނާގެ އެ ޓްވީޓްގައި ރައީސްގެ ޓްވިޓާ އެކައުންޓް ވެސް ޓެގް ކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މީގެ ކުރިން ވެސް ޒާހިދު ވަނީ އޭނާގެ ވެރިފައިޑް އެކައުންޓުން ރައީސް އާ ގުޅުވައިގެން މިފަދަ ޓްވީޓްތަކެއް ކޮށްފަ އެވެ. އެގޮތުން ރައީސް ނަރަކައަށް ދާނެ ކަމަށް "ގެރެންޓީ" ބުނެ ވެސް ވަނީ ޓްވީޓެއް ކުރި އެވެ. އެ ޓްވީޓްގައި ރައީސް ހުކުރު ނަމާދަށް ވަޑައިގެންނެވިތޯ ވެސް ސުވާލުކޮށްފައި ވެއެވެ. އެފަހަރު ގިނަ ބަޔެއްގެ އިތުރުން ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް އަމާޒުވުމުން އޭނާ ވަނީ އެކަމަށް މައާފަށް ވެސް އެދިފަ އެވެ.

މީގެ ކުރިން، މަރާލައިފައިވާ ބްލޮގަރު ޔާމީން ރަޝީދަށް ވެސް ޓްވިޓާގައި ޒާހިދު ވަނީ މަރުގެ އިންޒާރުތަކެއް ދީފަ އެވެ. ޔާމީން މަރައިލުމަށްފަހު އޭނާ މަރު ކޮމިޝަނަށް ހާޒިރުކޮށް އެކަމާ ގުޅިގެން ސުވާލުވެސް ކުރި އެވެ.

މި ސަރުކާރުން ޒާހިދުގެ ނިއުޕޯޓް ވިޔަފާރި ހުއްޓުވުމުން އޭނާ މިހާރު ދިރިއުޅެނީ ރާއްޖެއިން ބޭރުގަ އެވެ.