އާސަންދަ

އާސަންދައަކީ އިސްރާފުގެ ބޮޑު ސްކީމެއް: މަރިޔަމް

ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުމަށް މިހާރު ހިންގަމުންދާ އާސަންދަ ސްކީމަކީ އިސްރާފުގެ ބޮޑު ސްކީމެއް ކަަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވެއްޖެ އެވެ.

މަރިޔަމް މިހެން ވިދާޅުވީ ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަަވަމުން ނެވެ.

އާސަންދައަށް ވަކި ވަކި ފަރުދުން ކުރާ ހަރަދު އަމިއްލައަށް ބަލާލުމުގެ ފުރުސަތު އާސަންދައިގެ މޮބައިލް އެޕްލިކޭޝަނުން ބަލައިލެވޭ އިރު މީގެ ސަބަބުން އިސްރާފު ކުޑަކުރެވިގެންދާނެ ކަމަށް މަރިޔަމް ރޭ ވިދާޅުވި އެވެ. އެެގޮތުން ހިދުމަތް ނުހޯދާ ޓްރާންސެކްޝަނެއް ވެސް އެޕްއިން ބަލާލުމުގެ ފުރުސަތު މިހާރު ލިބޭނެކަމަށާއި އަދި އެފަދަ މައްސަލަަތައް އެޕްލިކޭޝަން ތެރެއިން ރިޕޯޓްކުރެވޭނެ ކަމަށެވެ.

މީގެ ކުރިން ވެސް މަރަކާއި ހީލަތުން އާސަންދަ މެދުވެރިކޮށް ބިލުކޮށްގެން ބައެއް ފާމަސީތަކާ މެދު އާސަންދައިން ފިޔަވަޅު އަޅާފައި ވެއެވެ.

"އާސަންދައަކީ ފުދޭވަރަރެއްގެ ހަރަދުތައް ބޮޑެތި އަދި ވޭސްޓޭޖް[އިސްރާފް] ވެސް ވަރަށް ބޮޑަށް ހިނގަމުންދާ ސްކީމެކޭ. އެހެންވީމާ އަޅުގަނޑުމެން އާސަންދައިން އެކަނި މަސައްކަތް ކޮށްގެން އަޅުގަނޑަކަށް ހިޔެއް ނުވޭ ކުރިއެރުމެއް އަންނާނެހެނެއް. އެހެންވީމާ ހުރިހާ ރައްޔިތުންގެ އެހީތެރިކަންވެސް ބޭނުންވޭ މިކަމަށް. އެ ބޭފުޅުންނާއެކު ހުރިހާ އެންމެންގެވެސް ފައިސާ އަޅުގަނޑުމެން މި ބޭނުންކުރަނީ. އެހެންވީމާ އެ ބޭފުޅުންވެސް އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިންމުވާނެހެން" މަރިޔަމް ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 5500 މީހުންނަށް 217 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ. އަދި އެކި ދަތުރުތަކަށް ވެސް 88 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ.

އެންމެ ބޮޑަށް ހަރަދުކުރި ބަލިތަކުގެ ތެރޭގައި ކެންސަރާއި، ލޮލުގެ ބަލިތަކާއި ގޭހުގެ ބަލިތައް ހިމެނެ އެވެ.