އިސްލާމިކް މިނިސްޓްރީ

ނިލަންދޫގައި މިސްކިތެއް އިމާރާތް ކުރުމަށް ހަވާލުކޮށްފި

Jan 17, 2022

ފ.ނިލަންދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑާއެކު އިސްލާމިކް މިނިސްޓްރީ އިން މިއަދު ސޮއިކޮށްފިއެވެ.

އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު އަލީ އިސްމާއީލެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.

365 ދުވަސްތެރޭގައި އިމާރާތް ކޮށް ނިންމަން ޝަރުތުކޮށް ހަވާލުކުރި މި އެއްބަސްވުމުގެ ދަށުން މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. ސަރުކާރުން 11.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފާ ހުންނާނެއެވެ.

މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.