ޔުނައިޓެޑް އަރަބް އެމިރޭޓްސް

އަބޫދާބީގައި އޮތް ދެ ރަސްމިއްޔާތެއްގައި ރައީސް ބައިވެރިވެވަޑައިގެންފި

Jan 17, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތާއި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި އެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީ އަށް ރައީސުލްޖުމްހޫރިއްޔާގެ މިހާރު ކުރައްވާ ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަހުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު، ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ދުބާއި އެގްޒިބިޒަން ހޯލްގައި މިއަދު ބޭއްވި އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެވެ.

އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް އަކީ ސަސްޓެއިނަބިލިޓީ ދާއިރާގައި މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެންމެ ބޮޑު ހަރަކާތެކެވެ. މި ހަރަކާތުގެ މަގުސަދަކީ އިޖުތިމާއީ، އިގްތިސޯދީ، އަދި ފަންނީ ކުރިއެރުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

މިއަހަރުގެ މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ކޮޕް-26ގެ ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ މަގުޗާޓުތައް، ގުޅިގެން އެއް މަގުސަދެއް ހާސިލްކުރެވޭ ގޮތަށް އަލުން މުރާޖައާކޮށް އެކުލަވާލުމުގެ މައްޗަށެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ސަސްޓެއިނަބިލިޓީގެ ދާއިރާއިން ޔޫއޭއީ އިން ދޭ ޝަރަފުވެރި ބައިނަލްއަގްވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތްކުރެވެނީ އެ ގައުމުގެ ބާނީ އަލްމަރްހޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަހްޔާންގެ ހިދުމަތްތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.