ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔޫއޭއީގެ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑާ އައްޝައިހު ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއޭއީގެ ރައީސް އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑާ އައްޝައިހް ހަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ އާއިލާއަށް ތައުޒިޔާ ދަންނަވައި އެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންފައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އާ ރައީސް، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންއާ މިދަތުރުފުޅުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ޔޫއޭއީގެ އާ ރައީސްއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމުގައި ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ޔޫއޭއީގެ ކުރީގެ ރައީސް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ބަޔާންކުރައްވައި އެ މަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި މަރުހޫމުގެ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް އެމަނިކުފާނުގެ ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާންތައް އައުކުރެވިގެންދާނީ އެ މަނިކުފާނުގެ ބައްޕާފުޅު ފަދައިން ތަހުޒީބާއި ޤައުމީ އެއްބައިވަންތަކަން ގެނެސްދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގައިކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށާއި މި ހިތާމަވެރި ދަނޑިވަޅުގައި މަރްޙޫމްގެ ޢާއިލާއަށާއި ޔޫ.އޭ.އީގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން، ޔޫއޭއީގެ ރައީސްގެ މަގާމާ ހަވާލުވެގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ އެންމެހައި ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ.