މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ނިއުޕޯޓް ހުރި ބިން ހުސްކުރަން އަންގައިފި

ސިނަމާލެ ބްރިޖު ވިއުއިން ޕްލެޓްފޯމު ހިންގާ ބިން ހުސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން އެ ބިން ހުސްކުރުމަށްފަހު ސަރުކާރާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީން އަންގައިފި އެވެ.

ރެސްޓޯރެންޓަކާއެކު އެތަން ހިންގަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށެވެ. އެ އެއްބަސްވުން ސެޕްޓެމްބަރު 26، 2019 ވަނަ ދުވަހު މިނިސްޓްރީން ބާތިލުކުރި އެވެ.

ޕްލޭނިން މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ސޮއިކުރައްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަލަކާ އަބްދުއްރަހީމަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން 26 ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމަށްފަހު މިނިސްޓްރީއާ ހަވާލުކުރަން ވާނެ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ މިނިސްޓްރީން އެތަން ހުސްކުރާނެ ކަމުގަ އިންޒާރުވެސް ދީފައިވެ އެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާށާއި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް ސްޓާރާޑާ ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 22، 2016 ގަ އެވެ. އެންމެ ފުރަތަމަ އެ ބިން އެ ކުންފުންޏަށް ތިން އަހަރަށް ހަވާލު ކުރި ނަމަވެސް ފަހުން އެ މުއްދަތު އަށް އަހަރަށް އިތުރު ކުރި އެވެ.

އެކަމަކު އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދިޔުމުގެ ސަބަބުން، މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލު ކޮށްފަ އެވެ. އޭގެ ފަހުން ވެސް އެ ބިިން ސްޓްރާޑާ ކުންފުނިން ބޭނުން ކޮށްފައިވާ ކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ އިތުރުން ބަދަލު ނަގައި ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 15 ދުވަހުގެ ތެރޭގައި އެ ބިން މިނިސްޓްރީއާ ހަވާލުކޮށް، ކުއްޔާއި، ޖޫރިމަނާގެ އިތުރުން ބަދަލުގެ ގޮތުގައި ޖުމްލަ 1،149،271 ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.