ނިއު ޕޯޓް ވިއު ހިންގަމުން ގެންދިޔަ ބިމަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެ ތަން ހިންގި ސްޓްރާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައި ކޯޓުން އަމުރެއް ނެރެ ނުދޭން ނިންމައިފި އެވެ.
ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލައި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް ސްޓާރާޑާ ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 22، 2016 ގަ އެވެ. އެންމެ ފުރަތަމަ އެ ބިން އެ ކުންފުންޏަށް ތިން އަހަރަށް ހަވާލު ކުރި ނަމަވެސް ފަހުން އެ މުއްދަތު އަށް އަހަރަށް އިތުރު ކުރި އެވެ.
ނަމަވެސް އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދިޔުމުގެ ސަބަބުން، މިދިޔަ އަހަރުގެ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލު ކޮށްފަ އެވެ. އޭގެ ފަހުން ވެސް އެ ބިިން ސްޓްރާޑާ ކުންފުނިން ބޭނުން ކޮށްފައިވާ ކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ އިތުރުން ބަދަލު ނަގައި ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުކުމް ކުރީ އެ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ބިން ހަވާލުކޮށް، ކުއްޔާއި، ޖޫރިމަނާގެ އިތުރުން ބަދަލުގެ ގޮތުގައި ޖުމްލަ 1،149،271 ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ ހުކުމް ސްޓްރާޑާ ކުންފުނިން ހައިކޯޓުން އިސްތިއުނާފުކުރި އެވެ. އަދި ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް ވަގުތީ އަމުރަކަށް އެދުނެވެ. ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ އެ ވަގުތީ އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށެވެ. އެ އަމުރު ނެރެނުދޭން ނިންމާފައިވާއިރު ޕްލެއިނިން މިނިސްޓްރީއިން ވަނީ ނިއުޕޯޓް ހިންގި އިމާރާތުގައި ބޮޑު ތަޅު އަޅުވާފަ އެވެ.
މި މައްސަލާގެ އިސްތިއުފާނު އަޑުއެހުންތައް އަދި ހައިކޯޓުގައި ކުރިއަށް ނުގެންދެ އެވެ. މައްސަލާގައި ގޮތެއް ނުނިމި ލަސްވާތީ ސަރުކާރުންނާއި ސްޓްރާޑާ ކުންފުނިން ވެސް ކަންބޮޑުވުންފާޅުކުރެ އެވެ.
އެ ކުންފުނިން ބުނެފައިވަނީ ސަރުކާރުގެ އެތައް މުވައްޒިފުންނެއް ނެރެގެން ނިއުޕޯޓްވިއު ބަންދުކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. ސަރުކާރުން މިކަން ކޮށްފައިވަނީ ހައްގާއި އިންސާފުގެ ބޭރުން، ސިޔާސީ ގޮތުން އެ ކުންފުންޏަށް މެސެޖެއް ދިނުމުގެ ނިޔަތުގައި ކަމަށެވެ.
މި މައްސަލަ މިހާރު ހައިކޯޓާ ކަމާބެހޭ އެހެން ފަރާތްތަކަށް ވެސް ހުށައަޅާފައިވާއިރު ތަނުގައި ހުރި އެކުންފުނީގެ ތަކެއްޗަށް ލިބޭ ގެއްލުމަށް ދައުލަތުން ޒިންމާވާން ޖެހޭނެ ކަމަށްވެސް ސްޓްރާޑާ ކުންފުނިން ބުނެފައިވެ އެވެ.