ނިއު ޕޯޓް ވިއު ހިންގަމުން ގެންދިޔަ ބިމަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެ ތަން ހިންގި ސްޓްރާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން އެ ކުންފުނިން ނިންމައިފި އެވެ.
ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލައި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް ސްޓާރާޑާ ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 22، 2016 ގަ އެވެ. އެންމެ ފުރަތަމަ އެ ބިން އެ ކުންފުންޏަށް ތިން އަހަރަށް ހަވާލު ކުރި ނަމަވެސް ފަހުން އެ މުއްދަތު އަށް އަހަރަށް އިތުރު ކުރި އެވެ.
ނަމަވެސް އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދިޔުމުގެ ސަބަބުން، މިދިޔަ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލު ކޮށްފަ އެވެ. އޭގެ ފަހުން ވެސް އެ ބިިން ސްޓްރާޑާ ކުންފުނިން ބޭނުން ކޮށްފައިވާ ކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ އިތުރުން ބަދަލު ނަގައި ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރީ އެ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ބިން ހަވާލުކޮށް، ކުއްޔާއި، ޖޫރިމަނާގެ އިތުރުން ބަދަލުގެ ގޮތުގައި ޖުމްލަ 1،149،271 ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ނިއު ޕޯޓް ހިންގި ސްޓްރާޑާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަށް ސަރުކާރުން ދޫކުރި ބިމުގައި އާންމުންނަށް ތިބެވޭނެ ގޮތަށް ޕްލެޓްފޯމަކާއި ފުޓްސަލް ދަނޑަކާއި، ކުޑަކުދިން ކުޅޭނެ އިންޑޯ ޕްލޭ އޭރިއާއެއް ތަރައްގީ ކުރި އެވެ.
އެ މަސައްކަތަށް ކުންފުނިން ކުރި އިންވެސްޓްމަންޓް ކަވަރު ކުރުމަށްޓަކައި މި ކުންފުނިން ކުރި އިންވެސްޓްމަންޓް ކަވަރު ކުރުމަށްޓަކައި "ނިއު ޕޯޓް" ވިއުގެ ނަމުގައި ރެސްޓޯރަންޓަކާއި ބައިނަލްއަގްވާމީ ފްރެންޗައިޒް ބްރޭންޑް "ޗާޓައިމް" ހުޅުވި ކަމަށާއި ނަމަވެސް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަން "ޗާޓައިމް" ހިންގި ސަރަހައްދު ދައުލަތަށް ނަގަން ބޭނުުންވާ ކަމަށް އަންގައި އެ ތަން ތަޅާލި ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުން "ޗާޓައިމް" ހިންގި އިމާރާތް ތަޅާލައި އެ ބިން ކުންފުނީގެ އަތުން ނެގީ އެ ކުންފުނިން ކުރި އިންޓެސްޓްމަންޓަށް އަދުލުވެރި ބަދަލެއް ދިނުމަކާ ނުލަ އެވެ. އަދި އެ ކަމުގެ ސަބަބުން ކުންފުންޏަށް ލިބިފައ އޮތް ބިމުގެ ސަރަހައްދު ކުޑަވި ކުޑަވުމަށް ރިއާޔަތްކޮށް ބިމުގެ ކުއްޔަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
ބްރިޖް ވިއު ތަރައްގީ ކުރަން ކުންފުނިން ކުއްޔަށް ހިފި ބިމުގެ ކުލި ކޮންމެ މަހަކު ވެސް ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް ކުންފުނިން އިއުތިރާޒު ނުކުރާ ކަމަށާއި ނަމަވެސް ކޯޓެއްގެ ހުކުމަކާ ނުލައި އަދި ކުންފުންޏަށް އަދަލުވެރި ބަދަލެއް ދިނުމަކާއި ނުލަ ކުންފުންޏަށް ދޫކުރި ބިމުން ބައެއް ނެގީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި ކުލި ނުދެއްކުނީ ވެސް އެ ކަމަށް ހެޔޮ ބަދަލެއް ދީފައިނުވާތީ ކަމަށް ބަޔާނުގައި ވެއެވެ.
ކުންފުނިން ކުއްޔަށް ހިފި ބިމުގެ ކުލި ނުދައްކައިގެން ސަރުކާރުން މި ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން މި ކުންފުންޏާ ދެކޮޅަށް ކުރި ހުކުމްގައި، ގާނޫނު އަސާސީއާ ހިލާފަށް ކުންފުންޏަށް ދޫކުރި ބިމުން ބައެއް ނަގައި، ކުންފުންޏަށް ލިބިފައިވާ ގެއްލުމަށް އެއްވެސް މިންވަރަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.
"އެ ކަމުގެ ސަބަބުން ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީ ކުރުމަށްޓަކައި މި ކުންފުނިން ކްރެޑިޓަށް ކޮންސްޓްރަކްޝަން ސާމާނު ދޫކުރި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، އެތައް މުވައްޒަފުންގެ މުސާރަ ނުދެވި، ކުންފުނި މި ވަނީ މާލީ ގޮތުން ބޮޑު އަދަވަޅަކަށް ވެއްޓިފަ އެވެ. އެ ކަންކަން އެހެން ހުރުމުން މި ކުންފުނިން ގަސްދު ކުރަނީ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށެވެ." ސްޓްރާޑާ ކުންފުނީގެ ބަޔާނުގައިވެ އެވެ.