ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ ފަނޑިޔާރުގެ މަގާމަށް އަލީ ހަމީދު އައްޔަންކޮށްފި އެވެ.
ބަދު އަޚުލާގީ މައްސަލައެއްގެ ތުހުމަތު ވެސް ކުރެވުނު އަލީ ހަމީދު އެ މަގާމަށް އައްޔަންކުރަން ސުޕްރީމް ކޯޓުން ނިންމީ އެ މަގާމުގައި ހުންނެވި އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޖޭއެސްސީގެ ރައީސް ކަން ވެސް ކުރައްވަމުން ގެންދެވި އާދަމް މުހައްމަދު އެ މަގާމުންނާއި އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ އެ މަގާމުގައި ހުންނެވުމަށް އުޒުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
އަލީ ހަމީދު އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި ދެންމެ ބޭއްވި ރަސްމިއްޔާތުގަ އެވެ. އޭނާއަށް ހުވައި ލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. އެ މަގާމުގެ ފަތްކޮޅު އަލީ ހަމީދަށް އެރުއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
އަލީ ހަމީދު އެ މަގާމަށް އިންތިޚާބު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނެތި ވޯޓުގައި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށް އެ ކޯޓުން ބުންޏެވެ.
އަލީ ހަމީދު އެ މަގާމަށް އައްޔަން ކުރެއްވުމުން އެ ކޮމިޝަންގެ ރައީސްގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބައްދަލުވުމެއް ބާއްވާނެ އެވެ. އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނަވަނީ ރައީސްގެ މެމްބަރު މުހައްމަދު ފައިސަލެވެ.
އަލީ ހަމީދު އެ މަގާމަށް އައްޔަން ކުރިއިރު ކަސްބީ އަންހެނުންތަކާ އެކު ބަދު އަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެ އެވެ. އެ މައްސަލަ ޖޭއެސްސީން ވެސް ކުރިން ބެލިއެވެ. ނަމަވެސް މިދިޔަ އަހަރު އެ ކޮމިޝަނުން ވަނީ އެ މައްސަލަ އަލީ ހަމީދުގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ. އެ މައްސަލަ ބަލަމުން ދިޔައިރު އަލީ ހަމީދު ސަސްޕެންޑެއް ނުކުރެ އެވެ.