ޔުނައިޓެޑް އަރަބް އެމިރޭޓްސް

ޔޫއޭއީއަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް އަމާޒުކޮށް ޔަމަނުގެ ހަނގުރާމަވެރި ހޫތީ ޖަމާއަތުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ހޫތީން އިއްޔެ ދިން ޑްރޯން ހަމަލާގައި ތިން މީހަކު މަރުވެ އިތުރު މީހުންތަކެއް ޒަހަމްވެސް ވިއެެވެ.

މި ހަމަލާ ކުށްވެރިިކޮށް ރޭ ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އާއްމުންނަށާއި ސިވިލް އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް މި ދިން ޓެރަރިސްޓް ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި އާއްމުންނާ ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއްކަމަށެވެ.

ޔޫއޭއީގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން އެގައުމުގެ ސަރުކާރާއެކު އޮންނާނެކަމަށާއި އަދި އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ޔޫއޭއީގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ ތައުރީފްކޮށްފަ އެވެ.

ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމަށް ބަޔާނުގައ ބުނެފައި ވެއެވެ.

ހޫތީން ދިން ހަމަލާތަކުގައި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ ތެޔޮ ރައްކާކުރާ ތަނަކާއި އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސަރަހައްދަކަށް ވެސް އަމާޒުވި އެވެ. މި ހަމަލާއާ ގުޅިގެން ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އަރަބި ގައުމުތަކުގެ ކޯލިޝަނުން މިހާރު ވަނީ ހަމަލާތައް ދޭން ފަށައިފަ އެވެ.