ރާއްޖެ ކުޅިވަރު

ދަގަނޑޭގެ ޓީމު އަތުން ގައުމީ ޓީމަށް މޮޅެއް

Dec 17, 2015

މެލޭޝިޔާ ލީގުގައި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ ޕީޑީއާރުއެމް އަތުން ރާއްޖޭގެ ގައުމީ ޓީމު 3-2 އިން މޮޅުވެއްޖެ އެވެ.

އަންނަ ހަފުތާގައި އިންޑިޔާގައި ފަށަ ސާފް ސުކުޒީ ކަޕަށް ތައްޔާރުވާން ކުޅުނު މި މެޗުގައި ރާއްޖޭގެ ލަނޑުތައް ޖެހީ ލިބުނު ޕެނަލްޓީ އަކުން އަސަދުﷲ އަބުދުﷲ އާއި އަހުމަދު އިމާޒް (އާއްކޮ) އާއި އީގަލްސްގެ ޒުވާން ފޯވަޑް އަންސާރު އިބްރާހިމް (އަންކޮ) އެވެ. މިއީ އަރަބިއްޔާގެ ސްކޫލުން ވިދާލި އެ ސްކޫލުގެ ކުރީގެ ކެޕްޓަން ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި މެޗުގައި ކޯޗު ރިކީ ހާބަޓް ވަނީ ޖުމުލަ 21 ކުޅުންތެރިއަކު ލައްވައި ކުޅުވައިފަ އެވެ. މެޗުގައި ބަދަލު ނުކުރަނީ އެންމެ ހަތަރު ކުޅުންތެރިއެކެވެ. އެއީ ކީޕަރު މުހައްމަދު އިމްރާނު ޑިފެންޑަރު ޝާފިއު އަހުމަދާއި އަހުމަދު އަބުދުﷲ (ލިލީ) އާއި ސަމޫހް އަލީ އެވެ.

މި މެޗަށް ފަހު ރާއްޖެ ކުޅޭ ފަހު މެޗުގައި ހިނިހިރު ދުވަހު ކުޅޭނީ ނެގްރީ ސެމްބިލާންއާ އެވެ. އެއަށް ފަހު އާދިއްތަ ދުވަހު މާލެ އައުމަށް ފަހު ގައުމީ ޓީމު އިންޑިޔާ އަށް ދާނީ ހޯމަ ދުވަހު އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝް އަދި ބޫޓާނާއެކު ގްރޫޕް ބީގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.