ފިލްމީ ކެރިއަރުގެ އެންމެ އުހަށް ކްރީތީ ސެނޯން އަރަމުން ދަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. އޭނާ ކުޅޭ ކޮންމެ ފިލްމަކީ ވެސް ވަރަށް ރީތި އަދި އޭނާގެ އެކްޓިން މޮޅަށް ދައްކާ ލެވޭ ފިލްމުތަކަށް ވާތީ ކްރީތީގެ މަސައްކަތް މިހާރު ގިނަ ބަޔަކަށް ވަނީ ފާހަގަ ކުރެވިފަ އެވެ. ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ ބިޒީ އެއް ބަތަލާއަކީ އޭނާއަށް ވުމީ މީގެ ހެއްކެކެވެ. ނަމަވެސް ފިލްމީ ކެރިއަރުގެ ކުރީކޮޅު ކްރީތީ ކޮށްފައިވަނީ ހިތި ތަޖުރިބާ ތަކެކެވެ.
ކްރީތީ ބުނި ގޮތުގައި ފިލްމު ކުޅެން ފެށިތާ ކުރީކޮޅު ފިލްމު އިންޑަސްޓްރީގެ މީހުން އޭނާއަށް ވަރަށް މަލާމާތް ކުރި އެވެ. އޭނާގެ ހަށިގަނޑުގެ ބައްޓަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
"އެއްބައި މީހުން ބުނާނެ ތުންފަތް މާ ތުނިއްޔޭ. ލިޕްސްޓިކް ހާކައިގެން ބޮޑުކުރާށޭ. އަނެއް ބަޔަކު ބުނާނެ ނޭފަތް ބޮޑަށް މައްޗަށް އުފުލައިގެން ހުންނާށޭ،" ކްރީތީ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
ކްރީތީ އިތުރަށް ބުނީ އެ ކަހަލަ ވާޙަކަ ތަކަކީ މިހާރު އޭނާއަށް ވަރަށް އާދައިގެ ވާހަކަ ތަކަކަށް ވެއްޖެ އެވެ. އޭނާއަކީ މީހަކު ބުނާހާ ސިފަޔަކަށް ހުންނަން ޕްލާސްޓިކް ބުދެއް ނޫން ކަމަށް ވެސް ކްރީތީ ބުންޏެވެ.
"ބައެއް މީހުން ވަރަށް މަލާމާތް ކުރޭ އަހަރެން ހީނލީމަ ހިރުގަނޑު ފެންނާތީ ވެސް. ބުނާނެ ވަރަށް ގަމީ ސްމައިލް އެކޭ އިންނަނީ. އަދި އުނަގަނޑު މާ ފަލަކަމުން އުނަގަނޑު ހިއްކަން ވެސް ބައެއް މީހުން އަންގާ،" ކްރީތީ ބުންޏެވެ.
ކްރީތީ ބުނި ގޮތުގައި އިންސްޓަގްރާމް ފިލްޓާގެ އެހީގައި ރީތި ގޮތްގޮތަށް މީހާގެ ސިފަ ބަދަލު ކުރެވޭތީ ވެސް އޭނާއަށް އަންނަ ޕްރެޝަރު ވަނީ އިތުރުވެފަ އެވެ. މިފަދަ ފިލްޓާ ކޮށްފައި ހުންނަ ފޮޓޯތައް ހުންނަ ގޮތަށް އޭނާގެ ފޮޓޯތައް ވެސް ރީތި ކުރަން ބައެއް މީހުން ލަފާ ދެއެވެ.
"އެކި މީހުން ކިޔާނެ އެކި އެއްޗެހި. ނަމަވެސް އެންމެން ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ނުކުރެވޭނެކަން އަމިއްލަ ނަފްސަށް ގަބޫލުކޮށްދެން،" ކްރީތީ ބުންޏެވެ.