ކްރީތީ ސެނޯން އަކީ މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ އެކްޓަރެކެވެ. ސޯޝަލް މީޑިއާގައި ކްރީތީގެ ފޭނުން އެތައް މިލިއަނަކަށް އަރަ އެވެ.
ކްރީތީ ބޮލީވުޑަށް ނުކުތީ 2014ގައި ރިލީޒްކުރި ޑައިރެކްޓަރު ޝައްބީރް ޚާންގެ "ހީރޯޕަންތީ" އިން ޓައިގާ ޝްރޮފް އާއެކުގަ އެވެ. އޭގެ ފަހުން "މިމީ" އާއި "ބަރޭލީ ކީ ބަރްފީ" އަދި "ލޫކާ ޗުއްޕީ" ފަދަ ފިލްމުތަކުން ކްރީތީ ވަނީ އޭނާގެ ހުނަރު ދައްކާލާފަ އެވެ.
ކްރީތީގެ ފަހުގެ ދެ ފިލްމު "ބީޅިޔާ" އާއި "ޝެހްޒާދާ" އަށް ބޮކްސް އޮފީހުގައި އެކަށީގެންވާ ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.
ކްރީތީގެ ފަހުގެ އިންޓަވިއުއެއްގައި ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީއާ މެދު އާއްމުން ދެކެނީ ވަރަށް ނެގެޓިވް ކޮށެވެ. އަދި އެކްޓަރަކަށް ވާތީ ކުރިމަތިވާ ދަތި އުނދަގޫތައް ވެސް ވަރަށް ގިނަ އެވެ.
"މި އިންޑަސްޓްރީ އާ މެދު ދުނިޔެ ދެކެނީ އެހާ ޕޮޒިޓިވް ނަޒަރަކުންނެއް ނޫން. އެމީހުން ގަބޫލުކުރާ ގޮތުގައި މިއީ މަސައްކަތްކުރަން ރަނގަޅު ޕްރޮފެޝަން އެއް ނޫން. މިތަނުގައި އުޅެނީ ވެސް ރަނގަޅު މީހުން ކަމަކަށް މީހުން ނުދެކޭ. ބައެއް މީހުން ދެކޭ ގޮތުގައި ފިލްމުގައި މަސައްކަތްކުރާ މީހުންނަށް ކައިވެނިކުރާނެ ރަނގަޅު މީހުންނެއް ނުވާނެ،" ކްރީތީ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އޭނާ ވެސް ދުވަހަކުވެސް ކައިވެނި ނުކުރާނެކަމަށާއި ރަނގަޅު މީހަކު ކައިވެނިކުރަން ނުވެސް ލިބޭނެ ކަމަށް ބައެއް އެކުވެރިން ދިމާލަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އެއީ އޭނާ އެހާ ސީރިއަސްކޮށް ނަގާ ވާހަކަތަކެއް ނޫންކަމަށާއި އެމީހުން އެހެން ބުނީމަ ހީނލާފައި އެ ވާހަކަ އޮއްބާލަނީކަމަށް ކްރީތީ ބުންޏެވެ.