ބޮލީވުޑް

ކްރީތީ ސެނޯން އާއި "މިމީ"ގެ ކުޑަ ކުއްޖާގެ ހާއްސަ ގުޅުން

ބޮލިވުޑް ބަތަލާ ކްރީތީ ސެނޯން އާއި އޭނާގެ އެންމެ ފަހުގެ ފިލްމު "މިމީ"ގައި ކުޑަ ކުއްޖެއްގެ ރޯލު އަދާކުރި ސްކޮޓިޝް އެކްޓަރު ޖޭކަބް ސްމިތުގެ މެދުގައި ވަރަށް ގާތް ގުޅުމެއް ވަނީ އުފެދިފަ އެވެ.

މި ފިލްމުގައި ކްރީތީ ކުޅެނީ މިމީ ކިޔާ ޒުވާން އަންހެނެއްގެ ކެރެކްޓާ އެވެ. އެމެރިކާގެ ދެމަފިރިއަކު ގިނަ އަދަދެއްގެ ފައިސާ ދޭން އެއްބަސްވުމުން އެމީހުންގެ ދަރިފުޅުގެ ސަރަގޭޓް މަންމައަކަށް ވާން މިމީ އެއްބަސްވެ އެވެ. އެމީހުން މިމީއަށް ހުށަހެޅި ފައިސާ އަކީ ބަތަލާއަކަށް ވުމަށް އޭނާ ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހޭހާ ގިނަ އަދަދެއްގެ ފައިސާ އެވެ.

ނަމަވެސް އެމެރިކާ ދެމަފިރިން ފަހުން ހިޔާލު ބަދަލުވެ މިމީ އެކަނި ކޮށްލާފައި ފުރައިގެން ދަނީ އެވެ. މިމީއަށް މަޖްބޫރުން އެ ކުއްޖާ އުފަން ކުރަން ޖެހެ އެވެ. އެ ކުއްޖާއަށް މިމީ ނަން ދިނީ ރާޖް ގެ ނަމުންނެވެ.

"އޯ އަހަރެންގެ ނޫ ލޮލުގެ ވެރި ދަރިފުޅާ. 'މިމީ' އަށް ތައްޔާރުވިއިރު ވެސް އަހަންނަށް އެނގޭ މިމީ އާއި ރާޖްގެ ގުޅުން ވަރަށް ޔުނީކްވެފައި ހާއްސަ ވާނެކަން. ހަމަ ކަންތައް ވީވެސް އެހެން. ރާޖް ވީ މިމީގެ ބެސްޓް ފްރެންޑަށް. އަދި މިމީގެ މުޅި ހަޔާތަށް،" ފިލްމު ސެޓުގައި ޖޭކަބް އާއެކު ވަގުތު ކްރީތީ ވަގުތު ހޭދަކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް އިންސްޓަގްރާމްގައި ޝެއާ ކުރަމުން ކްރީތީ ލިޔެފައި ވެއެވެ.

ކްރީތީ ލިޔެފައިވާ ގޮތުގައި ޖޭކަބް އޭނާގެ މައިންބަފައިން ފިޔަވައި އޭނާ ދެކެ ލޯބިވާން އަދި އޭނާއާއެކު ހިތްހަމަޖެހިގެން ހުންނަން އޭނާ އަބަދުވެސް ބޭނުންވި އެވެ.

"އޭނާ އަހަރެން ދަންނަނީ ކްރީތީގެ ގޮތުގައެއް ނޫން. މިމީގެ ގޮތުގަ. އޭނާއާއެކު ވަގުތު ހޭދަކުރާއިރު އަދި އަހަރެންގެ ގައިގައި ބައްދާލާއިރު އަހަރެންނަށް ވެސް ހީވަނީ އަހަރެން ވެސް މިއީ ކުޑަ ކުއްޖެކޭ. އަހަރެން އަދިވެސް ހަނދާން އެބަހުރި އެއް ދުވަހު އޭނާ ހަމަ އެހެން ހުރެލާފައި 'އައި ލަވް ޔޫ މިމީ' އޭ ބުނި ދުވަސް. އެ ދުވަހު އަހަރެންގެ ހިތް އުފަލުން ވިރިގެން ދިޔަ. ހާދަ ވިސްނުންތޫނު މޮޅު ކުއްޖެކޭ. އައި ލަވް ޔޫ ޖޭކަބް،" ކްރީތީގެ މެސެޖުގައި ލިޔެފައި ވެއެވެ.

ބީބީސީއަށް ދީފައިވާ އިންޓަވިއު އެއްގައި ޖޭކަބްގެ މައިންބަފައިން ކަމަށްވާ ކްރިސް އާއި ޖޫލީ ސްމިތު ބުނީ "މިމީ" ކުޅެން ޖޭކަބް އަށް ހިންދީ ބަސް ވެސް ދަސްކުރަން ޖެހުނު ކަމަށެވެ.

ޖޭކަބް އަށް އެ ރޯލު ލިބުމުން އެމީހުން މުމްބައި އަށް ދުވަސްކޮޅަކަށް ބަދަލުވެ އެކްޓްކުރާށާއި ހިންދީ ބަހުން ވާހަކަ ދައްކަން ޖޭކަބް އަށް ދަސްކޮށްދިނީ ކަމަށް ވެސް ޖޭކަބްގެ މައިންބަފައިން ބުންޏެވެ.

"އެ ފިލްމު ކުޅުނުއިރު ޖޭކަބްއަށް އެންމެ ތިން އަހަރު. އެކަމަކު 20 ސަފުހާގެ ހިންދީ ޑައިލޯގް އޭނާއަށް ކިޔަންޖެހިފައި އޮތް،" ޖޭކަބްގެ މަންމަ ބުންޏެވެ.

ޖޭކަބް ޑައިލޯގްތައް ދަސްކޮށްގެން ކިޔަސް އެންމެ ފަހުން ފިލްމުގައި އޭނާގެ އަޑު ހުރީ އެހެން ކުއްޖެއްގެ އަޑުން ޑަބް ކޮށްފަ އެވެ. ސަބަބަކީ ފިލްމުގައި އޭނާ ކުޅެނީ ބޭރު ގައުމެއްގެ ދެމަފިރިއެއްގެ ފަރާތުން ލިބުނު ކުއްޖަކަށް ވީނަމަވެސް އިންޑިއާ އަށް އުފަން އިންޑިޔާ ކުއްޖެއްގެ ރޯލު ކަމަށް ވާތީ އިންޑިޔާ ކުދިން ވާހަކަދައްކާ ރާގަށް އޭނާއަށް ވާހަކަ ނުދެއްކުނީމަ ކަމަށް ވެސް ޖޭކަބްގެ މަންމަ ބުންޏެވެ.