ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިން އެކި ކަހަލަ ޕްލާސްޓިކް ސާޖަރީތައް ހަދައި އެމީހުންގެ ސިފަ ރީތިކުރަން މަސައްކަތް ކޮށްފައި ވެއެވެ. މީގެ ތެރެއިން ބައެއް ބަތަލާއިންގެ މަސައްކަތް ކާމިޔާބުވެ އެމީހުން ކުރިން ހުރި ސިފަޔަށް ވުރެ ސިފަގަނޑު ރީތިވެފައިވާއިރު މަދުން ނަމަވެސް ބައެއް ބަތަލާއިންނަށް ލަނޑު ލިބި ފިލްމު ކުޅުން ހުއްޓާލަން ޖެހިފައި ވެސް އެބަހުއްޓެވެ.
ޕްލާސްޓިކް ސާޖަރީ ހެދިކަމަށް މީޑީއާގައި އެއްބަސް ވެފައިވާ ބަތަލާއިންގެ ތެރޭގައި އަނުޝްކާ ޝަރުމާ އާއި ޕްރިޔަންކާ ޗޯޕްރާ އަދި ރާކީ ސާވަންތު ހިމެނެ އެވެ. އެހެން ބަތަލާއިން އުޅެނީ ޕްލާސްޓިކް ސާޖަރީ ހެދިޔަސް އެކަން ސިއްރު ކޮށްގެންނެވެ. އެންމެ ފަހުން ޕްލާސްޓިކް ސާޖަރީ ހެދިކަމުގެ އަޑުތައް ފެތުރިގެން އުޅެނީ ކްރީތީ ސެނޯން އެވެ.
ކްރީތީގެ ނޭފަތުގެ ސާޖަރީއެއް ހަދާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އޭނާގެ ފޭނުން ދަނީ ބުނަމުންނެވެ. "ޝެހެޒާދާ"ގެ ބަތަލާގެ ނޭފަތް ކުރިން ހުރި ގޮތާއި މިހާރު ހުރި ގޮތް ވަރަށް ބޮޑަށް ތަފާތު ކަމަށް ފޭނުން ބުނެ އެވެ. ކްރީތީގެ މޫނު ކުރިން ހުރި ގޮތުގެ ފޮޓޮއަކާއި މިހާރު ހުރި ގޮތުގެ ފޮޓޯއެއް އަޅާ ކިޔަމުން ފޭނުން ވަނީ މޫނަށް އައިސްފައި ހުރި ބޮޑު ބަދަލު ހާއްސަކޮށް ނޭފަތުގެ ބައްޓަމަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކޮށްފަ އެވެ.
ގިނަ ފޭނުންގެ ކޮމެންޓްތަކުން ޔަގީންވާ ގޮތުގައި ކްރީތީގެ ނޭފަތުގެ ޕްލާސްޓިކް ސާޖަރީ ހެދުމުގެ ސަބަބުން އިތުރު ރީތި ކަމެއް އައިސްފައި ވެއެވެ. އަދި އޭނާ މި ސާޖަރީ ހަދާފައި ހުރީ މާ ބޮޑަށް މީހުންނަށް އަޅައި ނުގަންނާނެ ފަދަ ގޮތަކަށް ކަމަށް ފޭނުން ގަބޫލު ކުރެ އެވެ.
ކްރީތީގެ ނޭފަތުގެ ސާޖަރީ ނުހަދާ ކަމަށް ގަބޫލުކުރާ ފޭނުން ވެސް މަދުން ނަމަވެސް ކޮމެންޓު ކޮށްފައި ވެއެވެ. އެމީހުން ބުނަނީ ކްރީތީގެ ނޭފަތަށް ބޮޑު ބަދަލެއް އައިސްފައި ހުރިހެން ހީވަނީ ކެމެރާގެ އެންގަލް ހުރި ގޮތުން ކަމަށާއި އަސްލު އޭނާގެ ނޭފަތް ހުރީ ހަމަ ކުރިން ވެސް ހުރި ގޮތަށް ކަމަށެވެ.
ފިލްމީ ރޮނގުން ބަލާއިރު ކްރީތީގެ އެންމެ އަވަހަށް ރިލީޒްވާން އޮތީ ޕްރަބާސް އާއެކު ކުޅޭ "އަޅިޕުރުޝް" އެވެ. ދެން އޮތީ ޓައިގާ ޝްރޮފް އާއެކު ކުޅޭ "ގަންޕަތު" އެވެ.