ބޮލީވުޑް

ކްރީތީ އާއި ނޫޕޫރް ސެނޯންގެ ސިފައަށް އަޖައިބެއް ފަދަ ބަދަލެއް

ކްރީތީ އާއި ނޫޕޫރް ސެނޯން އަކީ މިހާރު ބޮލީވުޑްގައި ފިޔަޖަހާ ވަރަށް ކުޅަދާނަ ދެ ބަތަލާއިންނެވެ. އެއްބަނޑު އެއްބަފާ މި ދެބެންގެ ސޯޝަލް މީޑިއާ ފޭނުން ވަރަށް ގިނަ އެވެ. ސަބަބަކީ އެ މީހުންގެ ރީތި ފޮޓޯތައް އަބަދުވެސް ޝެއާ ކުރާތީ އެވެ.

ނަމަވެސް ދާދިފަހުން ކްރީތީ ޝެއާކުރި އޭނާ އާއި ނޫޕޫރްގެ ތަންކޮޅެއް ޅައިރުގެ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފަ އެވެ. އަދި އެ ފޮޓޯގައި އެ ދެ އެކްޓަރުންގެ ސިފަ އާއި މިހާރު އައިސްފައިވާ އަޖައިބެއް ފަދަ ބޮޑު ބަދަލު ފެނިފައި އެންމެން ވަނީ އާސޯޚުވެފަ އެވެ.

ފިޓްލުކް މަޖައްލާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާކޮށްފައިވާ ކްރީތީ އާއި ނޫޕޫރްގެ އެހާރާއި މިހާރުގެ ފޮޓޯއެއްގެ ކޮލާޖަކުން އެމީހުންގެ ޓްރާންސްފޯމޭޝަން ވަރަށް ރީއްޗަށް ފެންނަން ހުރުމުން އެކަމާ ގިނަ ބަޔަކު ހައިރާންވެ ކޮމެންޓު ކޮށްފައި ވެއެވެ.

މި ކޮލާޖުގައިވާ ކްރީތީ އާއި ނޫޕޫރްގެ ޓީންއޭޖް ދުވަސްވަރުގެ ފޮޓޯގައި އެމީހުން ފެންނަނީ ހަމަ އާދައިގެ އަންހެންކުދިންގެ ގޮތުގަ އެވެ. ނަމަވެސް އަނެއް ފޮޓޯގައި އެ ދެބެން ހީވަނީ މުޅިން އެހެން ބައެއް ހެނެވެ. އެހާ ބޮޑު ތަފާތެއް ދެ ފޮޓޯގައި ހުއްޓެވެ.

ދާދިފަހުން ކްރީތީ ވަނީ "ގަންޕަތު"ގައި އޭނާ ހުންނަ ސިފަ ވެސް ދައްކާލާފަ އެވެ. އެ ޕޯސްޓަރުގައި ވެސް ކްރީތީ ފެންނަލެއް ރީތިކަމުން ވަރަށް ގިނަ މީހުން އެކަން ފާހަގަ ކޮށްފައިވެއެވެ. ޓައިގާ ޝްރޮފް އާއެކު ކުޅޭ މި ފިލްމުގެ އިތުރުން "މިމީ"، "ބައްޗަން ޕާންޑޭ" އަދި "ސެކަންޑް އިނިންގްސް" ކިޔާ ފިލްމެއްގެ މަސައްކަތް ކްރީތީ ކުރަމުން އެބަދެ އެވެ.

ނޫޕޫރް ވެސް ބޮލީވުޑަށް ތައާރަފްވާން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަކްޝޭ ކުމާރާއެކު އޭނާ ވަނީ "ފިލްހާލް" ކިޔާ މިއުޒިކް ވީޑިއޯއެއްގައި ބައިވެރިވެފަ އެވެ.