ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލުވާ މީހުންގެ ކިބައިން ގިސާސް -- މަރަށް މަރު -- ހިފަން ބޭނުން ނުވާ ކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ކްރިމިނަލް ކޯޓްގައި ބުނެފި އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަށް ހުކުމް ކުރުމަށް މިހާރު ކުރިއަށްދާ ޝަރީއަތުގައި ވާރިސުންގެ ބަހާ ގުޅޭގޮތުން ސުވާލު ކުުރުމުން ޔާމީންގެ މަންމަ ޝަފީގާ ބުނީ ޔާމީން ރަޝީދަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުން އައި މީހެއް ކަމަށެވެ. އަދި އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ހައްގު ލިބެން ވާނެ ކަމަށް ޔާމީން ދެކޭ ކަމަށެވެ. އެހެން ކަމުން ޔާމީންގެ މަރުގެ މައްސަލާގައި ކުށްވެރިވާ މީހުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށެވެ.
އޭގެ ބަދަލުގައި މަރުގެ ދިޔަ އަށް އެދޭ ކަމަށް ޝަފީގާ ބުންޏެވެ. އެ ފައިސާއިން ޔާމީންގެ ނަމުގައި ކޮންމެވެސް ކަމެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.
"އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ކުއްޖެއް ޔާމީން އަކީ ދިރިހުރިއިރު. އިންސާނަކަށް ވީތީ ދިރިހުރުމަކީ އަސާސީ ހައްގެއް ދަރިފުޅު [ޔާމީން] ދެކޭ ގޮތުގައި. އެ ހައްގު އަޅުގަނޑުގެ ދަރިފުޅުގެ ކިބައިން ވަނީ ނިގުޅައިގެންފައި. ވީމާ ގިސާސް ހިފާކަށް ބޭނުމެއް ނޫން. ދިޔަ ބޭނުމީ. އޭނާގެ ނަމުގައި ކޮންމެވެސް ކަމެއް އެއިން ކުރެވޭނެ ކަމަށް ދެކެން،" ވާރިސުންގެ ބަހާ ގުޅޭގޮތުން ޝަފީގާ ބުންޏެވެ.
ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ބުނީ ޝަރީއަތުގެ މިހާ ހަމައަށް އައިރުވެސް ޔާމީންގެ ގާތިލުން އާއިލާގެ ކިބައިން މާފަށް އެދިފައިނުވާ ކަމަށެވެ. މާފު ކުރުމަކީ އިސްލާމްދީނުގައި އޮތް މަތިވެރި ސިފައެއް ކަމަށާ ނަމަވެސް ރާވައިގެން މިފަދަ ގޮތަކަށް މީހަކު މެރި ބަޔަކަށް މާފު ނުކުރެވޭނެ ކަމަށެވެ.
ހުސައިން ރަޝީދު ބުނީ ޔާމީންގެ ގާތިލުންނާމެދު ވާރިސުންގެ ބަހަކީ އޭނާގެ ކުދީންގެ ބަސް ކަމަށެވެ. އަދި އެކަން އެކުދީންނަށް ދޫކޮށްލާ ކަމަށެވެ. އެ ކުދީން ގިސާސް ހިފަން ބޭނުން ނުވާ ކަަމަށްވެސް ބުންޏެވެ.
"މިހާ ހިސާބަށް ޝަރީއަތް އައިއިރު ގާތިލުން އަޅުގަނޑުގެ ކިބައިންވެސް އަދި އާއިލާގެ ކިބައިންވެސް މާފަކަށް ނޭދޭ. މާފު ކުރުމަކީ އިސްލާމް ދީނުގެ ރިވެތި ސިފައެއް. އެކަމަކު މީހަކު މަރަން ރާވައިގެން ގަސްތުގައި މަރާލީމަ މާފެއް ނުކުރެވޭނެ. އަޅުގަނޑުގެ ދެން ތިބި ދަރީން ބޭނުންވަނީ ގިސާސް ނުހިފަން. އެ ކުދީންނަށް ދޫކޮށްލީ،"
ޔާމީންގެ ބައްޕަގެ ވާހަކަތައް އަޑުއެހުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ އެކަމުގައި ވާރިސުންގެ ސާފު ބަހެއް ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އާއިލާގެ މެންބަރުންނާ މަޝްވަރާކޮށް ވާރިސުން ބޭނުންވާ ގޮތެއް ނިންމާފައި އޮންނަން ޖެހޭނެ ކަމަށެވެ. އަދި ވާރިސުންގެ ފަރާތުން ޔާމީންގެ ބައްޕަ ބޭނުންވާ ގޮތެއް ޝަރީއަތުގައި ހާމަ ކުރުމަށް ގާޒީ ފުރުސަތު ދެއްވިއެވެ.
ގާޒީ އެހެން އެއްސެވުމުން ހުސައިން ރަޝީދު ވަނީ ބޭނުންވަނީ އަދުލްއިންސާފު ގާއިމު ކުރަން ކަމަށް ބުނެފައެވެ. އަދި މަރަން މަރު ހިފަން ބޭނުންވާ ކަމަށް ބުންޏެވެ.
"އަޅުގަނޑު ބޭނުމީ އަދުލްއިންސާފު ގާއިމު ކުރަން. ގިސާސް ހިފަން،" ހުސައިން ރަޝީދު ކޯޓްގައި ބުންޏެވެ.
ޝަރީއަތް މިވަގުތަށް މެދުކަނޑާލާފައިވަނީ ކުށްވެރިންނަށް އަދަބު ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ. އަދި އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު މިރޭ ހުކުމް ކުރުމަށް ވަނީ ހަަމަޖެހިފައެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އިސްމާއީލް ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި ހުސައިން ޒިޔާދާއި އިސްމާއީލް ރަޝީދާއި ހަސަން ޝިފާޒާއި، މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
ދައުލަތުން މި ހަތަރު މީހުންގެ މައްޗަށް އުފުލައިފައިވާ ގަސްދު މަރުގެ ދައުވާއާ މެދު ގާޒީ ވަނީ ސުވާލު އުފައްދައިފަ އެވެ. ސަބަބަކީ އެ މީހުންގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ވަރުގެ ހެއްކެއް ދައުލަތުން ހުށައަޅާފައި ނުވާތީ އެވެ.
ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.