ހަބަރު

ސޫދާން އަތުން މޮޅުވެ މިސްރު ގަދަ 16 އަށް

އެފްރިކަން ކަޕުގައި ރޭ ސޫދާން އަދި މިސްރު ވާދަ ކުރި މެޗު 1-0 އްގެ ނަތީޖާއިން މިސްރު މޮޅުވެ، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗުން މޮޅުވުމާއެކު މިސްރު ހިމެނޭ ގްރޫޕް ގްރޫޕް ޑީ އިން މިސްރުގެ އިތުރުން ގަދަ 16 އަށް ދަތުރު ކޮށްފައިވަނީ ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ނައިޖީރިއާ އެވެ.

ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މިސްރުގެ އެލް ސައީދް ނަގައިދިން ކޯނަރަކުން މުހަންމަދު އަބްދެލް މޮނެމް މެޗުގެ 35 ވަނަ މިނެޓުގައި ޖެހި ލަނޑެކެވެ.

މިސްރު މޮޅުވި ނަމަވެސް ސޫދާނުން ރޭ ވަނީ މިސްރުގެ ގޯލަށް ނުރައްކާކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅެފަ އެވެ. އަދި މިސްރުގެ ތަރި މުހަންމަދު ސަލާހު ހުއްޓުވުމުގައި ކާމިޔާބު ވެސް ހޯދި އެވެ.

މެޗުން މޮޅުވެގެން ގަދަ 16 ގައި ހިމެނުމުގެ ފުރުސަތު ސޫދާނަށް ވެސް އޮތެވެ. ނަމަވެސް ދިގު ތާރީހަކަށް ފަހުގައި ވެސް ސޫދާނަށް އެފްރިކަން ކަޕާއި އަލްވަދާއު ކިޔަން ޖެހުމުން ކުޅުންތެރިން ތިބީ ވަރަށް އަސަރު ކޮށްފަ އެވެ

މިސްރު ވާދަ ކުރަންޖެހޭ ގައުމެއް އެނގޭނީ މިރޭ ކުޅޭ ގްރޫޕް އީ ގެ މެޗުތަކަށް ފަހުގަ އެވެ.

މިސްރާއި ނައިޖީރިއާގެ އިތުރުން މި މުބާރާތުގައި މިހާރު ގަދަ 16 އަށް ދަތުރު ކޮށަފައިވާ ގައުމުތަކުގެ ތެރޭ ހިމެނެނީ ކެމަރޫނާއި ބުރުކީނާ ފާސޯ، ސެނެގޯލް، މޮރޮކޯގެ އިތުރުން ގެބޯން އެވެ.