ބޭރު ކުޅިވަރު

ގާޑިއޯލާގެ ބަދަލުގައި ބަޔާން މިއުނިކަށް އެންޗެލޯޓީ

ޕެޕް ގާޑިއޯލާގެ ބަދަލުގައި އަންނަ ސީޒަނުން ފެށިގެން ބަޔާން މިއުނިކްގެ ކޯޗުކަމާ ހަވާލުވާނީ ކާލޯ އެންޗެލޯޓީ ކަމަށް ޖަރުމަނުގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.

އިޓަލީގެ ކޯޗު އެންޗެލޯޓީ އެންމެ ފަހުން ކޯޗުކޮށްދިނީ މިދިޔަ ސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑަށެވެ. ތައްޓެއް ނުލިބި މިދިޔަ ސީޒަން ނިންމާލަން ޖެހުމުން މަގާމުން ވަކިކުރި އިރު އޭނާ ވަނީ އޭގެ ކުރީ ސީޒަނުގައި ރެއާލް އަށް ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކޮށްދީފަ އެވެ.

އެންޗެލޯޓީ އާއި ބަޔާން މިއުނިކުން މިހާރު ވަނީ އަނގަބަހުން އެއްބަސްވެ ކޮންޓްރެކްޓް ފައިނަލް ކުރުމުގެ މަރުހަލާގައި ކަމަށް ވެސް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

ބަޔާން މިއުނިކުން އާ ކޯޗަކު މިހޯދަނީ 2013 ވަނަ އަހަރު އެކުލަބުގެ ކޯޗުކަމާ ހަވާލުވި ގާޑިއޯލާ މި ސީޒަނަށް ފަހު ކުލަބު ދޫކޮށްލަން ނިންމުމުންނެވެ. ބަޔާން އަހަރަކު 20 މިލިއަން ޕައުންޑް ލިބޭގޮތަށް ހުށަހެޅި ކޮންޓްރެކްޓަށް އޭނާ ވަނީ ނޫނެކޭ ބުނެފަ އެވެ. ސްޕޭނުގެ ބާސެލޯނާގައި ހޭދަކުރި ހަތަރު އަހަރުތެރޭގައި 13 ތަށި ހޯދި ކޯޗު ދެން ފެނުން އެންމެ ގާތީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން ކަމަށްވެ އެވެ. ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގޭ ވެސް ވަނީ ގާޑިއޯލާ ދެން ފެންނާނީ ސިޓީން ކަމަށް ބުނެފަ އެވެ.