ބޭރު ކުޅިވަރު

އެއްވެސް ކުލަބެއްގައި ދިގު މުއްދަތަކަށް ނުހުންނާނަން: ގާޑިއޯލާ

އޭނަ އަކީ އެއްވެސް ކުލަބެއްގައި ދިގު މުއްދަތަކަށް ހުންނާނެ ކޯޗެއް ނޫން ކަމަށް ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާގައި ހޭދަކުރި ހަތަރު އަހަރު 14 ތަށި ހޯދި ކޯޗު ބުނީ އަބަދުވެސް ތަފާތު ތަޖުރިބާކުރަން އޭނާ ބޭނުންވާ ކަމަށެވެ.

"އަހަރެން ބޭނުންވޭ އާ ސްޓޭޑިއަމްތައް ދެކެން. ސިޓީ ތަކާއި ރެސްޓޯރަންޓްތައް އެނގެން. ތިން އަހަރަކީ ކުލަބެއްގައި ހުންނަން ރަނގަޅު މިންވަރެއް. އަހަންނަކީ 30 އަހަރު އެއް ޓީމެއްގެ ކޯޗަކަށް ހުންނާނެ މީހެއްނޫން،" ގާޑިއޯލާ ބުންޏެވެ.

މި ސީޒަނަށް ފަހު ބަޔާން މިއުނިކާ ވަކިވާން ނިންމީ އިނގިރޭސި ޕްރެމިއާ ލީގުގައި ކޯޗުކޮށްދޭން ބޭނުންވާތީ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

"ތިއީ ވަރަށް ފަސޭހަ ޖަވާބެއް އޮތް ސުވާލެއް. އަހަރެން ބޭނުންވަނީ އިނގިރޭސިވިލާތުގައި ކޯޗުކަންކުރަން. އެއީ ސަބަބަކީ. އަހަރެން އަދި ވަރަށް ޒުވާން. އަހަންނަށް އެންމެ 44 އަހަރު. އަހަރެން ބޭނުންވާ ތަފާތު ތަޖުރިބާތައްކުރަން. އަހަރެން 60 ނުވަތަ 66 ނަމަ އަހަންނަށް ހުރެވިދާނެ އެއްތަނެއްގައި. އެކަމަކު އަދި އަހަރެން ބޭނުން އެކިކުލަބުތަކުގައި މަސައްކަތްކުރަން،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ބަޔާން މިއުނިކާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ. އަދި އޭނާ އަށް ފަހު ބަޔާންއާ ހަވާލުވާ ރެއާލް މެޑްރިޑާއި އޭސީމިލާނުގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ އަކީ ވަރަށް ރަނގަޅު ކޯޗެއް ކަމަށެވެ.

"އަހަރެންގެ އެއްވެސް ކުޅުންތެރިއަކު އަހަންނާއެކު އިނގިރޭސިވިލާތަށް ނުގެންދާނަން. އަހަރެން ބޭނުންވޭ އޭނާ (އެންޗެލޯޓީ) އަށް ރަނގަޅު ޓީމެއްދޭން،" ގާޑިއޯލާ ބުންޏެވެ.

އިނގިރޭސިވިލާތުގައި ކޯޗުކޮށްދޭނެ ޓީމެއް އަދި ނުނިންމާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އޭނާގެ އެހީ އަށް އެދިފައިވަނީ ޗެލްސީ އާއި މެންޗެސްޓާގެ ދެ ޓީމު ކަމަށްވާ ޔުނައިޓެޑާއި ސިޓީ އެވެ. މީގެ ތެރެއިން ގާޑިއޯލާ ދިއުން އެންމެ ގާތީ ސިޓީ އަށް ކަމަށް އިނގިރޭސި މީޑިޔާއިން ބުނެ އެވެ.