ބަނދަރު ޕްރޮޖެކްޓް

ދެ ރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ދެ ރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ދެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ އެއް އެއްބަސްވުމަކީ ގއ. ދާންދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫ އެވެ. ހަތަރު ސަތޭކަ އަށްޑިހަ ފަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫއު ހަވާލުކުރީ 71 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން 81،404 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް 333 މީޓަރަށް ބޭރު ތޮށި ލާނެ އެވެ. އަދި 370 މީޓަރުގެ ރިވެޓްމަންޓް ޖަހައި 30 މީޓަރުގެ ގްރައިން ޖަހާނެ އެވެ.

އިތުރު މަސައްކަތްތައް

  • 529 މީޓަރުގެ އެއްގަމުތޮށި ލުން
  • 104 މޫރިންގް ރިންގް ހަރުކުރުން
  • 10 މޫރިންގް ބޮއި ހަރުކުރުން

ދެން ސޮއިކުރީ ބ. ކަމަދޫގެ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއު އެވެ. މި މަސައްކަތް ހަވާލުކުރީ 400 ދުވަހުން ނިންމާ ގޮތަށް 47 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 25،636 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް 180 މީޓަރަށް ބޭރު ތޮށި ލާނެ އެވެ. އަދި 628 މީޓަރުގެ ރިވެޓްމަންޓް ޖަހައި 346 މީޓަރުގެ ގްރައިން ޖަހާނެ އެވެ.