މިސްކިތް

ހިރިމަރަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް

Jan 20, 2022

ހދ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެކު އިސްލާމިކް މިނިސްޓްރީ އިން ސޮއިކޮށްފިއެވެ.

އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ޖަލީލެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

365 ދުވަސްތެރޭގައި އިމާރާތްކުރާ ގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ އަމަލީ މަަސައްކަތް އަންނަ މަހުގެ 17ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ދައުލަތުން 8.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތް އިމާރާތް ކުރަން ނިންމީ މިވަގުތު ހިރިމަރަދޫގައި ހުރި މިސްކިތުގެ ޖާގަ ކުޑަވެފައިވާތީ އާ މިސްކިތަކަށް ބޭނުން ޖެހިފައި ވުމުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.