ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހަރުކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ. އެ މަޝްރޫއު ފެށުމަށް މިއަދު ވަނީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މިއީ އައްޑޫ ސިޓީގައި ޕަވާ ޕާރޗޭސް އެގްރީމެންޓް (ޕީޕީއޭ) ގެ ދަށުން ގާއިމްކުރެވޭ 4.5 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއެެކެވެ.
ފެނަކައިން ބުނީ މިއީ މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕީޕީއޭ އެއްގެ ދަށުން މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ސ. ހުޅުމީދޫގައި 2 މެގަވޮޓުގެ ސޯލާ ޕީވީ ބެޓާރީ ސްޓޯރޭޖް ސިސްޓަމާއި އެކު ހަރުކުރެވޭނެ އެވެ. އަދި ގަން އިންޓާނޭޝަނަލް އެއާޕޯޓްގައި 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހަރުކުރެވޭނެ އެވެ. އެ ކުންފުނީގެ އުންމީދަކީ ކުރިމަގުގައި ހުޅުމީދޫގައި އިންސްޓޯލްކުރެވޭ ސޯލާ އިން އެ ރަށު ކައިރީގައިވާ ރިސޯޓްތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމެވެ.
މި މަޝްރޫއުގެ ދަށުން ގަން އިންޓާނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ކަރަންޓުގެ (އެއާޕޯޓްގެ ޔޫސޭޖް) 100 ޕަސެންޓް އެ ތަނުގައި ގާއިމްކުރެވޭ 2.5 މެގަވޮޓް ސޯލާ ނިޒާމުން އުފައްދާނެ އެވެ.
މިއާއެކު ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓުދެވޭ ރާއްޖޭގެ ފުރަތަމަ ސޯލާ ޕަވާޑް އެއާޕޯޓަށް ވެގެންދާނެ އެވެ. މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލިޓާ ޑީސަލް އެންދުން މަދުކުރެވޭނެ އެވެ. އަދި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަން ޑައި އޮކްސައިޑް މަދުކުރެވޭނެ އެވެ.