މާރިޔާ އަހުމަދު ދީދީ

ބޮޑީ ގާޑުންނަށް މިނިސްޓަރު މާރިޔާގެ އިލްތިމާސެއް

ގައުމީ ދިފާއީ ބާރުގެ ބޮޑީގާޑުންނަކީ ހަމައެކަނި ފަސް އަހަރުގެ މުއްދަތަށް ސިޔާސީ ބަޔަކަށް ހިދުމަތް ކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރާ ބަޔަކަށްވުމުގެ ބަދަލުގައި އެއްވެސް ކޮޅަކަށް ނުޖެހި ވީހާވެސް ޕްރޮފެޝަނަލްކޮށް އަދި ގާބިލްކަމާ އެކީ މަސައްކަތް ކުރާ ބަޔަކަށްވުމަށް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފި އެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ މިއަދު ހެނދުނު ސަދަން އޭރިއާގެ ޓްރެއިނިން ސްކޫލްގައި ބޭއްވި އެމްއެންޑީއެފްގެ 13 ވަނަ ބޮޑީގާޑު ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވަނީ މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސިފައިންގެ ބޭކަލުންގެ ހިތްވަރާއި ހުޝިޔާރުކަމާއި ޕްރޮފެޝަނަލިޒަމްގެ ފުރިހަމަ ނަމޫނާއިން މިސާލު ނެގުމަށް ކޯހުގެ ދަސްވެނިންނަށް އިލްތިމާސްކުރައްވާފައެވެ.

ބޮޑީގާޑުންގެ މަސައްކަތަކީ އެއްވެސް ހާލަތެއްގައި ފަސޭހަ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ މުއައްސަސާއަކުން ނުކުމެ ސިޔާސީ އެކި ލީޑަރުންގެ އަރިހުގައި 24 ގަޑިއިރު މަސައްކަތްކުރާއިރު ޕާސަނަލް ސެކިއުރިޓީ އޮފިސަރުން އިސްކަންދޭންވާނީ ސިޔާސީ ނުވެ ވީހާވެސް ފުރިހަމަޔަށް އެމީހުންނާ ހަވާލުކުރެވިފައިވާ ވީއައިޕީ ބޭފުޅެއްގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގެ މައްޗަށް ކަމަށެވެ.

މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ބޮޑީގާޑު ޓްރެއިނިންގ ކޯސް ނުބާއްވާތާ ފަސް އަހަރު ފާއިތުވެފައި ވަނިކޮށް 2020 ވަނަ އަހަރު ކޯވިޑް-19ގެ ދަތިއުނދަގޫ ހާލަތުގައިވެސް، އެކޯސް އިޔާދަކޮށް 2021 ގައިވެސް އެކޯސް ކާމިޔާބުކަމާއެކީ ހިނގިފައިވާކަން ފާހަގަ ކުރައްވާފައެވެ.