މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޓެކްސީތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

Jan 21, 2022
1

ޓެކްސީ ހިދުމަތް ދިނުމުގައި ލާޒިމްކޮށްފައިވާ ކަންކަން ނުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިންޒާރު ދީފައި މިވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ޓެކްސީތަކުގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭ ކަމަށް ބުނެ މިނިސްޓްރީއަށް އާންމުން ޝަކުވާ ހުށަހަޅަމުންދާތީ އެކަމާ ގުޅިގެން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ދުއްވާ މީހުންނަށް އަމާޒުކޮށް ނެރުނު ބަޔާނެއްގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އާންމުންނަށް ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ، ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ތަކުން އެކަށީގެންވާ ގޮތަކަށް ހިދުމަތް ދިނުމުގައި އިހްމާލުވަމުންދާ ކަމުގެ ޝަކުވާތައް މިނިސްޓްރީ އަށް ލިބެމުންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ ޓެކްސީ ހިދުމަތަށް އެދުމުން މާލެ ތެރޭގެ ދަތުރުތައް ޑްރައިވަރުން ނުނަގާ ކަމަށް ބުނެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އޭގެ ބަދަލުގައި ޓެކްސީތަކުން އިސްކަންދެނީ މާލެ ހުޅުލެ އަދި މާލެ ހުޅުމާލެ ދަތުރުތަކަށް ކަމަށް ބުނެ ރައްޔިތުންގެ ޝަކުވާ ލިބޭ ކަމަށެވެ.

އެގޮތަށް އަމަލުކުރާ ސެންޓަރުތަކާއި ޑްރައިވަރުންގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ދީފައިވެ އެވެ.

މިނިސްޓްރީ އަށް ވައިބާ އިން ޝަކުވާ ހުށަހެޅުމަށް ހާއްސަ ނަންބަރެއް ވެސް މިނިސްޓްރީގެ ބަޔާނުގައި ހިއްސާކޮށްފައިވެ އެވެ. އެއީ 7943434 ނަންބަރެވެ.

މާލޭގައި 800 އެއްހާ ޓެކްސީ އަށް ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާއިރު މާލެ ތެރޭގައި ދަތުރުކުރުމަށް ޓެކްސީ ނުލިބުމަކީ މިހާރަކަށް އައިސް އާންމުކޮށް މީހުން ކުރަމުންދާ ޝަކުވާ އެކެވެ. މާލޭގައި ކުރިން ދުއްވި ގިނަ ޓެކްސީތައް މިހާރު އިސްކަން ދެނީ ހުޅުމާލެ ތެރޭގައި ދަތުރުކުރުމަށް ކަމަށްވެސް ބައެއް އާންމުން ބުނެ އެވެ.