މާރިޔާ އަހުމަދު ދީދީ

އަމާޒަކީ ތަފާތު ނުކޮށް ހިދުމަތް ދިނުން: މާރިޔާ

Jan 21, 2022

މި ސަރުކާރުގެ ތަސައްވުރަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން އެއްވެސް ތަފާތު ކުރުމެއް ނެތި ޕްރޮފެޝަނަލްކޮށް އަދި ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިހެން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އައްޑޫ ސިޓީގައި ބިނާކުރާ ސައުތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމަށް މިއަދު ހަވީރު ސ. ހިތަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކަސްޓަމްސްގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، ކޮވިޑް-19ގެ ދަތިއުނދަގޫ ހާލަތުގައިވެސް ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަދި ޒަމާނުއްސުރެ ވަރަށް ގިނަ އަދަދެއްގެ ވިޔަފާރިވެރިން އެތަނަކަށް ނިސްބަތްވާ އައްޑޫ ސިޓީގައި ކަސްޓަމްސްގެ އޮފީހެއް ހުޅުވިގެންދާކަމީ ސަރުކާރުން އައްޑޫ ސިޓީއާމެދު ގެންގުޅޭ ގާތްކަމާއި ވަރުގަދަ ތަސައްވުރު ހާމަވާ ކަމެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށްޓަކައި މާލެ ފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯޓް އެކްސްޕޯޓުގެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކްސްޕޯޓް-އިމްޕޯޓް ގާނޫނަށް ސަރުކާރުގެ އިސްނެގުމާއެކު ގެނައި އިސްލާހާއެކު އިމްޕޯޓަރުންގެ އަދަދު އިތުރުވެ ރާއްޖޭގެ އެހެން ސަރަހައްދީ ބަނދަރުތަކަށް މުދާބާލާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މުސްތަގްބަލުގައި ސައުތު ރީޖަނަލް ހެޑް އޮފީހުގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓުގެ ހިދުމަތް ލިބިގަންނަ ވިޔަފާރިވެރިންގެ އިތުރުން ހިދުމަތް ހޯދާ ރައްޔިތުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއޮފީސް ހުޅުވިގެންދިޔުމާއެކު ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައްވެސް ފަހިވާނެކަން ފާހަގަކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ އަނބިދަރިން ކައިރީގައި ހުރެގެން، ވަޒީފާ އަދާކޮށް، ފުދުންތެރި "ޖަޒީރާ" ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.