ޓޮންގާއަށް ސުނާމީއެއް އަރައި އިންޓަނެޓާއި ޓެލެފޯން ޚިދުމަތް އޮތީ ކަނޑައިގެން ގޮސްފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން ޓޮންގާއަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ކަނޑުއަޑިން އަޅާފައި އޮތް ފައިބަރު ކޭބަލް ވެސް އޮތީ ދެތިން ތަނަކުން ބުރިވެފަ އެވެ.
އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ހިރަފުހާއި އަޅިން ވަޅުލެވިފައި އޮތް ޓޮންގާއަށް އިންޓަނެޓް ފޯރުކޮށް ދިނުމަށްޓައި އެމެރިކާގެ މަޝްހޫ ވިޔަފާރިވެރިޔާ އީލޮން މަސްކް މިހާރު ވަނީ އިސްނަންގަވާފަ އެވެ.
އީލޮން މަސްކް ޓްވިޓަރު މެދުވެރިކޮށް ޓޮންގާއަށް ގޮވާލައްވާފައިވާ ގޮތުގައި އޭނާގެ ސްޓާލިންކް ސެޓެލައިޓްތަކުން އެގައުމަށް އިންޓަނެޓް ދެވިދާނެ އެވެ. އަދި އެކަމަށް އެދޭނަމަ ފުއްޓަތްކެއް ޖަހާލުމުން އިންޓަނެޓް ޚިދުމަތް ދޭން ބޭނުންވާ ސާމާނާ އެކު އުޅަނދެއް ފޮނުއްވަން ޝައުގުވެރިވެ ވަޑައިގަންނަވާ މޭރުމަކުން ވަނީ ޓްވީޓްކުރައްވާފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން ކަނޑު އަޑީގައި އޮތް ފައިބަރު ކޭބަލް ގުޅައިގެން އިންޓަނެޓް ޚިދުމަތް ކުރިން އޮތް ހާލަތަށް ގެނައުމަށް މަހެއްހާ ދުވަސް ނަގާނެ އެވެ. އަދި މުވާސަލާތީ ޚިދުމަތްތައް އާދައިގެ ހާލަތަކަށް ރުޖޫއަ ކުރުމަށް ވެސް ކެތްކުރަން ދަތި މިންވަރަށް ވަގުތު ނަގާނެ އެވެ.
ޓޮންގާއަށް މިވަގުތު އެންމެ އަވަހަށް އިންޓަނެޓް ދެވެން އޮތީ އީލޮން މަސްކަށެވެ. އޭނާ ވިދާޅުވި ގޮތުން ސްޓާލިންކް ޓާމިނަލްތައް -- ސެޓެލައިޓް ޑިޝް އާއި ޑިކޯޑަރު އަދި ގުޅުން ހުރި ސާމާނުތައް ޓޮންގާއަށް ފޮނުވިދާނެ އެވެ.
ޓޮންގާގައި މިދިޔަ ހޮނިހިރު ދުވަހު އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ބޯދުމާއެކު ބުރައިގެން ދިޔަ އަޅިތައް 12 މޭލު އުހަށް ފެތުރިގެން އަރާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
ގައުމުތަކުން އެހީ ފޮނުވަން ތައްޔާރަށް ތިބި ނަމަވެސް ދުމާއެކު ބުރައިގެން އަރާފައި ހުރި އަޅީގެ ސަބަބުން ޓޮންގާ އޮތް ތަންވެސް ވަކިކުރަން ދަތި ކަމަށް ނިއުޒިލޭންޑް އަސްކަރިއްޔާ އިން ބުނެފައިވެ އެވެ.
އެެހެން ނަމަވެސް، ނިއުޒިލޭންޑުން ފޮނުވި އެހީ މިހާރު ޓޮންގާއަށް ވަނީ ލިބިފަ އެވެ. އަދި އެހެން ގައުމުތަކުން ވެސް ވަނީ އެހީ ފޮނުވަން ފަށާފަ އެވެ.