އަބްދުއްރަހީމް އަބްދުﷲ

ދިވެހިންގެ ހައްގުގައި މަސައްކަތް ކުރަނީ ހަމައެކަނި ޔާމީން: އަދުރޭ

Jan 22, 2022
3

ބާރުގަދަ ގައުމުތަކުގެ ކުރިމަތީގައި ކެރިގެން ބަސް ވިދާޅުވެ ދިވެހިންގެ ހައްގުގައި މަސައްކަތް ކުރައްވާ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވަމުން ގެންދަވާ މޫސާ ފަތުހީގެ ކެމްޕޭން ޓީމުން ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހިންގެ ހައްގުގައި ވިދާޅުވާން ޖެހުނު ކޮންމެ ވާހަކައެއް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާނެ ކަމަށެވެ. އެކަމުގައި ބާރު ގަދަ ގައުމަކަށްވީތީ ބިރުން، ފަސްޖެހިވަޑައިގެން ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ. އޭނާ އަދި ވިދާޅުވީޫ ރައީސް ޔާމީން ކުރައްވާ ތްވަރަށްޓަކައި ދިވެހި ރައްޔިތުން އެމަނިކުފާނަށް ސެލިއުޓް ކުރުން ހައްގު ކަމަށެވެ.

އަދުރޭ ވިދާޅުވީ ގައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަންކަން ފެންނަމުންދާއިރު ގައުމުގެ މުސްތަގުބަލަށްޓަކައި މިނިވަންކަމުގެ ދިފާއުގައި ސާބިތު ހުންނެވީ ރައީސް ޔާމީން ކަމަށާއި މިނިވަންކަމުގެ ދިފާއުގައި ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެއްސެވި ހަމައެކަނި ލީޑަރަކަށް ވާނީ ވެސް ރައީސް ޔާމީން ކަމަށެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ގޮވާލައި ރައީސް ޔާމީން ފާޅުގައި ނުކުންނެވީ އެކަމުގެ ސަބަބުން އަނެއްކާވެސް ޖަލަށް ދާން ޖެހިދާނެތީ އެއްވެސް ޖެހިލުންވުމެއް ނެތި ކަމަށެވެ. އިންޑިއާ އައުޓް ހަރަކާތާ ރައީސް ޔާމީން ގުޅިވަޑައިގަތީ ދެ އަހަރު ނުހައްގު ހުކުމެއްގައި ޖަލުގައި އޮންނެވުމަށް ފަހު މިނިވަންވުމުން ކަމަށެވެ.

"ރައީސް ޔާމީނަށްޓަކައި ދިވެހި ރައްޔިތުން މިއަދު ފަހުރުވެރިވާން ޖެހޭ. އަމިއްލަ ފުރާނަފުޅު އަތްމައްޗަށް ލައިގެން ނުކުމެ އެ ހުންނެވީ ގައުމުގެ ހައްގުގައި. އެމަނިކުފާނަކީ މިއަދު އަޅުގަނޑުމެން ކޮންމެ ރައްޔިތަކު ވެސް ސެލިއުޓް ހައްގު ބޭފުޅެއް. ގައުމަށްޓަކައި ސާބިތުވެ ހުންނެވި އެފަދަ ދެވަނަ ބޭފުޅަކު ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭގޮތުން އަދުރޭ ވިދާޅުވީ އެ އިންތިހާބަކީ ދިވެހިންގެ މިނިވަންކަމާ މެދު ގޮތެއް ނިންމުން ފަދަ މުހިއްމު ވޯޓެއް ކަމަށެވެ. އިންތިހާބުގައި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓް ބަލިކޮށް އަޅުވެތި ކަމަށް ނޫނެކޭ ބުނުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއެކު ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަށް ކުރާ މަސައްކަތް ފަށާނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވަނީ މުހައްމަދު ރާޝިދު އެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލްހަންނާން އިދުރީސް އެވެ.