ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައަކީ ކުޅުއްވި ޑްރަމާއެއް ގޮތަށް ހީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރިޔާސީ ލޯންޗްކޮޅު ގޮއްވާލީ ރައީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް އާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން އެ ލޯންޗުގައި ތިއްބަވަނިކޮށެވެ.
ސަންގު ޓީވީގައި ރޭ ވާހަކަދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ މިއަދު އެ މަންޒަރަށް ބަލާލުމުން އެއީ ކުރީގެ ރައީސް ޔާމީން ކުޅުއްވި ޑުރަމާއަކާ ވައްތަރުވާ ކަމަށެވެ. އަޑާއި މަންޒަރު ބަލާލުމުން އެއީ ޔަގީނާ ގާތްކުރާ ކަމެއް ކަމަށް މިހާރު ގަބޫލުކުރެއްވޭ ކަމަށްވެސް ވިދާޅުވި އެވެ.
އަބުދުއްރަހީމް ވިދާޅުވީ އެއްވެސް ހަގީގަތެއް އަސްލެއް ނެތް ވާހަކަތައް ދައްކަވާތީ ރައީސް ޔާމީނަށް ރައްޔިތުންގެ ހިތުގައި އޮތް ލޯބި ގެއްލިގެން ގޮސްފައިވާކަން މިއަދު އެނގި ހާމަވަމުންދާ ކަމަށެވެ. ރައީސް ޔާމީންގެ އަރިހުގައި މިއަދު ތިއްބެވި ބައެއް ބޭފުޅުންނަކީ ފިނިފެންމާ ލޯންޗް ގޮއްވާލުމުގައި ޝާމިލްވި ބޭފުޅުން ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ސަރުކާރު ހިންގެވި ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަންކަން ނުކުރައްވާތީ އެކަމަށް ޔާމީން ފާޑުވިދާޅުވާ ގޮތުން ހައިރާންވާ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ތިން ނައިބް ރައީސުންނާއި، ތިން ޑިފެންސް މިނިސްޓަރުންނާއި އަދި އެހެން ބައެއް ވަޒީރުންވެސް އެތައް ފަހަރަކު ވަކިކުރެއްވި ކަމަށާއި އެގޮތަށް ވެރިކަން ކުރެއްވުމަށް ރައީސް މުއިއްޒު ބޭނުން ނުވާ ކަަމަށްވެސް ވިދާޅުވި އެވެ.
"އެއީ ވިސްނޭ މީހުން ކަންތައްތައް ކުރައްވާނެ ގޮތެއް ނޫން. އަދި ދައުލަތެއް ހިންގަން ޖެހޭ ގޮތަކީވެސް ޔާމީން އެ ވިދާޅުވާ ގޮތެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން އުޅުއްވަނީ އެމަނިކުފާނު ނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާތީ ހިތްޕުޅަށް ކެތްނުކުރެއްވިގެން ކަަމަށެވެ. ނަމަވެސް މިއަދު މިގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ޑރ. މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް އެކަން ހަނދާންވެސް ކޮށްދެއްވާފަ އެވެ.