ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެމަނިކުފާނު ދެންމެ ކުރެއްވި ޓްވީޓެއްގައި އެކަން ވަނީ ޔަގީން ކޮށްދެއްވާފައެވެ.

ރައީސް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ރޭގަ ވަގުތެއްގައި ޕީސީއާރް ހެއްދެވުމުން ކަމަށެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެންޕެއިނަށް މިއަދު ކޮމަންޑޫ ދާއިރާއަށް ކުރެއްވުމަށް ރާއްވަވާފައި އޮތް ދަތުރުފުޅަށެވެ. މިއީ ރަައީސް ނަޝީދުވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅެކެވެ.

ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެން ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާ މިދިޔަ ހަފްތާގައި ބޫސްޓާ ޑޯޒްވެސް ޖައްސަވާފައެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވާ ރައީސް ކުރެއްވި ޓްވީޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ހެޔޮ އެދުމުގެ މެސެޖްތައް ފޮނުއްވަމުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ކޮންމެ ދުވަހަކުވެސް ބޮޑުތަނުން އިތުރުވަމުންނެވެ. އެކަމާއި ގުޅިގެން އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 11،000 ވުރެ އިތުރުުވެފައެވެ. އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ މަތިވަމުންނެވެ.