އާތިފު ޝަކޫރު

އާތިފަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

Jan 22, 2022

އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު މާދަމާ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފި އެވެ.

އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުގެ ގާނޫނާ ހިލާފު ވުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.

އާތިފްގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ 10،000 ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަަނާ ކުރުން ނުވަތަ އެއް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އިއްވާނެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވެ އެވެ.

އެ ނިންމުން ނިންމީ އާތިފް ޝަކޫރު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ކަމަށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށްވެސް އޭސީސީން އޭރު ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އާތިފް ޝަކޫރު މީގެ ކުރިން ވިދާޅުވެފައިވަނީ އެސްއޯއެފްއަށް ފިޔަވަޅު ނޭޅުމަށް އެއްވެސް އިރެއްގައި އޭނާ އަންގާފައި ނުވާނެ ކަމަށާއި އަދި އެއްވެސް އިރެއްގައި އެއްވެސް އެކައުންޓަކާ މެދު ވަކި ގޮތަކަށް ފިޔަވަޅު އަޅަން އަންގާފައި ނުވާނެ ކަމަށާއި އެފްއައިޔޫ އަކީ އެފަދަ ކަމެއް ކުރެވޭނެ މެންޑޭޓެއް އޮތް ތަނެއް ވެސް ނޫން ކަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އޭގެ ތެރެއިން ބައެއް ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ އެކަން ނުހުއްޓުވޭނެކަން އެނގިވަޑައިގެންނެވުމުން ކަމަށްވެސް އާތިފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.