މި މީހާ އެއްގޮތަކަށް ވެސް ފެންނުވަރާތާ 68 އަހަރު ވެއްޖެ އެވެ. އޭނާ ބޮނީ ވާރޭ ވެހިގެނާއި އެކި ގޮތްގޮތުން މަގުމަތީގައި ހެދިފައި ހުންނަ ފެނެވެ. ވެހިކަލުން ޖެހި މަރުވާ ޖަނަވާރު ކެއުމަކީ އޭނާ އާދަކޮށް ކުރާ ކަމެކެވެ. އެކަމަކު އޭނާގެ ސިއްހަތު ބަރާބަރު ކަމުން ސައިންސްވެރިން ވަނީ އަޖައިބުވެފަ އެވެ.
އަމައު ޖާޖީ އަކީ އީރާނު މީހެކެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ފެންވަރައިފިނަމަ އޭނާއަށް ބަދުނަސީބާ ކުރިމަތިވެ މަރުވެދާނެ އެވެ.
ޖާޖީ އާއްމުކޮށް ކަނީ މަގުމައްޗަށް މަރުވެގެން ވެއްޓޭ ޖަނަވާރެވެ. ޕޯކިއުޕައިން ފަދަ އެއްޗެތި އޭނާއަށް ވަރަށް މީރެވެ.
ފެންނުވަރާ ހަޑިގިއްލާއެއްހެން އުޅޭތީ ޖާޖީގެ އެކުވެރިއަކު ނެތެވެ. އަދި އޭނާއަށް ލޯބިވެރިޔަކު ވެސް ނުލިބުނެވެ.
އޭނާ ފޫހިފިލުވަން ކުރާ ކަމަކީ ޖަނަވާރުންގެ ހަށިގަނޑުގެ ބައިތައް ދުންބޯ ކަށިގަނޑަކަށް އަޅައިގެން އެ ރޯކޮށްގެން ބުއިމެވެ.
ޖާޖީ އުޅޭ ގޮތުން އޭނާ އާ ކައިރިވާން މީހުން ބޭނުން ނުވިޔަސް ޖާޖީއަކީ ސައިންސްވެރިން ވަރަށް ޝައުގުވެރިވާ މީހެކެވެ. ސަބަބަކީ ފެން ނުވަރާ މިހާ ހަޑި މުޑުދާރުކޮށް އުޅޭއިރުވެސް އަދި ސާފުތާޙިރުކަމެއް ނެތް އެއްޗެތި ކައިބޮއި ހަދާއިރުވެސް ޖާޖީގެ ސިއްހަތު މުޅިން ބަރާބަރު ވީމަ އެވެ.
އިރާނުގެ ދޭޖްގާގައި ދިރިއުޅޭ ޖާޖީ ކުރިން ދިރިއުޅުނީ ބިންމަތީގައި ވަޅުގަނޑެއް ކޮނެގެން އެ ވަޅުގަނޑު ތެރޭގަ އެވެ. ނަމަވެސް އެ އަވަށުގެ މީހުން މިހާރު ވަނީ އޭނާއަށް ކުޑަ ޖިފުޓީއެއް އަޅާދީފަ އެވެ.
ސައިންސްވެރިންނާއި ޑޮކްޓަރުން ވަރަށް ގިނައިން ޖާޖީގެ ޖިފުޓިއަށް ޒިޔާރަތްކޮށް އޭނާއާ ބައްދަލުކުރެ އެވެ. އަދި ލޭގެ ސާމްޕަލްތައް ނަގައިގެންނާއި އެނޫންވެސް ގޮތްގޮތަށް ޖާޖީގެ ސިއްހަތު ހުރި ނެތް ގޮތް ބަލަމުން ގެންދެ އެވެ. ޖާޖީގެ ޓެސްޓްތައް ކުރި ސިއްހީ މާހިރުން އެއްބަސްވާ ގޮތުގައި އޭނާގެ ހަށިގަނޑުގައި ސީރިއަސް އެއްވެސް ބައްޔެއް ނުވަތަ ބެކްޓީރިއާ އެއްވެސް ނޫޅެ އެވެ.
ސައިންސްވެރިން ހީކުރީ ޖާޖީގެ ހަށިގަނޑަކީ ޕެރެސައިޓްސްތަކުގެ ކިއްލާއަކަށް ވާނެ ކަމަށެވެ. ނަމަވެސް އެމީހުން ބެލި ބެލުމުން އެއްވެސް ކަހަލަ ޕެރެސައިޓެއް ވެސް އޭނާގެ ހަށިގަނޑަކުން ނުފެނުނެވެ.
ޖާޖީގެ ޓެސްޓްތައް ހެދި ޕްރޮފެސަރު ގޯލާމްރޭޒާ މޮލާވީ ވިދާޅުވީ ޖާޖީގެ ސިއްހަތު އާދަޔާޚިލާފަށް ރަނގަޅީ އޭނާ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތުން އޭނާގެ އިމިއުން ސިސްޓަމްގެ ބާރު މާ ގަދަވީމަ ކަމަށެވެ.
މަގުމައްޗަށް މަރުވެގެން ވެއްޓޭ ޖަނަވާރު ކެއުމާއި ނުސާފު ފެން ބުއިން ފަދަ ކަންކަމުން ވެސް ޖާޖީއަށް އެއްވެސް ބައްޔެއް ނުޖެހޭތީ އަދި އޭނާގެ ސިއްހަތު މުޅިން ބަރާބަރަށް ހުރުމުން ސައިންސްވެރިން ވަނީ ހައިރާންވެ އަންތަރީސް ވެފަ އެވެ.
ޖާޖީގެ ވާހަކަ ނޫސްތަކުގައި ލިޔެ އޭނާއަށް ލިބުނު މަޝްހޫރުކަމުން ޖާޖީ އަށް މިހާރު އުޅެން މާ އުނދަގުލެވެ. ނަމަވެސް އޭނާ ބުނާ ގޮތުގައި އަވަށްޓެރިން އޭނާއަށް ވަރަށް އިހުތިރާމްކުރެ އެވެ. ނަމަވެސް ދުރުން އަންނަ ބައެއް މީހުން ފާޑުފާޑުގެ އެއްޗެތި ކިޔައި މަލާމާތްކޮށް ހިލައިން ތަޅާ ހަދާ ކަމަށް ވެސް ޖާޖީ ބުންޏެވެ.