ލައިފްސްޓައިލް

"އެންމެ ބޮޑު ހަޑިގިއްލާ" ފެންވެރުމާއެކު މަރުވެއްޖެ

ބައިނަލްއަގުވާމީ މީޑިއާތަކަށް އީރާނުގެ އަންކަލް ހާޖީ އެނގެނީ "ދުނިޔޭގެ އެންމެ މުޑުދާރު މީހާ"ގެ ނަމުންނެވެ. އެއީ ފާއިތުވީ 60 އަހަރު ދުވަހުގެ ތެރޭގައި އޭނާ އެއްގޮތަކަށް ވެސް ފެން ނުވަރާތީ އޭނައަށް ދިން ލަގަބެކެވެ. ދާދިފަހުން ހާޖީ ވަނީ މަރުވެފަ އެވެ. މަރުވިއިރު އޭނާގެ އުމުރުން 94 އަހަރެވެ.

އީރާނުގެ މީޑީއާތަކުން ބުނި ގޮތުގައި އަންކަލް ހާޖީ މަރުވީ 60 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފެންވެރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ފެންވެރީއްސުރެ އޭނާ އުޅުނީ ބަލިވެ ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.

ހާޖީ އަކީ ދޭޒް ގާގެ ރަށްވެއްސެކެވެ. މިއީ އީރާނުގެ ދެކުނުގައި އޮންނަ ފާސް ޕްރޮވިންސްގެ އަވަށެކެވެ.

ހާޖީ އަކީ ތާޒާ ކާނާ އެއްގޮތަކަށް ވެސް ކައި އުޅުނު މީހެއް ނޫނެވެ. އެފަދަ ކާނާ ކެއުމުން ބަލިވާނެކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ އެވެ. އަދި ފެން ވަރައިގެން ސާފު ތާހިރުވެއްޖެނަމަ އޭނަގެ ސިއްހަތު ގޯސްވެ މަރުވެދާނެ ކަމަށް ހާޖީ ގަބޫލު ކުރި އެވެ.

"އަންކަލް ހާޖީގެ މޫނު ހުންނަނީ އިހުޒަމާނުގައި ހޮހޮޅައިގައި އުޅުނު މީހުންގެ މޫނު ހުންނަ ގޮތަށް. އެންމެންވެސް ހީކުރަނީ އޭނާއަށް ގަރުނަކަށް ވުރެ ގިނަ ދުވަސް ވެދާނެކަމަށް،" އިރާނުގެ ނިއުސް އެޖެންސީން ބުނެފައިވެއެވެ.

ހާޖީ އަކީ މަގުމަތީގައި އުޅޭ ދިރޭ އެއްޗެތި މަރައިގެން ކައި އުޅުނު މީހެކެވެ. ޕައިޕަށް ދުންފަތް އަޅައިގެން މީހުން ބޮއި އުޅޭ ގޮތަށް އޭނާ ޕައިޕަށް އަޅައިގެން ބޮނީ ޖަނަވާޜުންގެ ނަޖިހެވެ. އިރާނު ޑޮކްޓަރުން ބުނެފައިވަނީ މިހާ ނުތާހިރުކޮށް އުޅުނު މީހަކަށް ހާޖީ ވިޔަސް އޭނާގެ ސިއްހީ މާގބޮޑު މައްސަލައެއް ނެތް ކަމަށެވެ.

އިރާނުގެ ތަސްނިމް ނިއުސް އެޖެންސީން ބުނި ގޮތުގައި ހާޖީގެ ތުނބުޅި މާ ދިގުވުމުން އެ ކުރުކުރަން އޭނާ ކުރާ ކަމަކީ ތުނބުޅީގައި އަލިފާން ޖަހައި ރޯކޮށްލުމެވެ. އޭނާ ހިތްހަމަޖެހޭ ވަރަށް ތުނބުޅި އެނދުމުން އަލިފާން ނިއްވާލަނީ އެވެ. ހޫނު މޫސުމުގައި އޭނާ ނިދަނީ ކައްވަޅެއް ހެން ކޮނެފައިވާ ވަޅުގަނޑެއް ތެރޭގަ އެވެ. ފިނި މޫސުމުގައި ހަތަރު ފާރު ރާނާފައި ހުންނަ ކުޑަ ގެއެއްގެ ތެރޭގައި ހާޖީ ނިދާ އުޅުނެވެ. މި ގެޔަކީ ވެސް އޭނާއަށް އެ އަވަށުގެ މީހުން އަޅައިދިން ގެއެކެވެ.

ސާފުތާހިރު ނުވުމަށް ހާޖީ ނިންމި ނިންމުމަށް އެހިސާބުގަނޑުގައި އުޅޭ މީހުން އިހްތިރާމް ކުރި އެވެ. އަދި އެއްވެސް މީހަކު އޭނާއަށް ފުރައްސާރަކޮށް އުނދަގުލެއް ނުކުރެ އެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން ޒުވާން ފިރިހެން ކުދިންތަކެއް ކާރެއްގައި ހާޖީ ކޯރެއް ކައިރިއަށް ގަދަކަމުން ގެންދަން މަސައްކަތްކުރި އެވެ. އެއީ އެ ކޯރުން ފެންވެރުވުމަށް އެކުދިން ކުރަން އުޅުނު ކަމެކެވެ. ނަމަވެސް އޭނާ ގޮވައިގެން ވަކި ހިސާބަކަށް ކާރުގައި ދިޔަތަނާ ކާރުން ފުންމާލައިގެން އޭނާ ފިލާ ރައްކާވީ އެވެ.

އެންމެ ފަހުން މީގެ ދެ ތިން މަހެއް ކުރިން އަވަށުގެ މީހުން ވަރަށް ބުނެ ކިޔައި އާދޭސްކޮށްގެން ހާޖީ އެންމެ ފަހުން ފެންވަރަން އެއްބަސްވެ ފެންވެރީ އެވެ. ފެންވެރިތާ މާގިނަ ދުވަހެއް ނުވެ ހާޖީ ވަރަށް ބޮޑަށް ބަލިވެ މިދިޔަ އާދިއްތަ ދުވަހު ވަނީ މަރުވެފަ އެވެ.