ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ކުރު މީހާގެ ރެކޯޑް އީރާނު މީހަކަށް

އަފްޝިން އިސްމާއިލް ގަދަރްޒާދޭ އުފަންވެފައިވަނީ ޖުލައި 13، 2002 ވަނަ އަހަރު އެވެ. އޭނާއަކީ އީރާނުގެ ރައްޔިތެކެވެ. ދުނިޔޭގެ މިހާރު ދިރިހުރި އެންމެ ކުރު މީހާގެ ރެކޯޑް ދާދިފަހުން ވަނީ 20 އަހަރުގެ އަފްޝިން އަށް ލިބިފަ އެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ ދެ ފޫޓު 1.6 އިންޗި އެވެ. ކުރިން މި ރެކޯޑް އޮތީ ކޮލަމްބިއާގެ އެޑްވަޑް "ނިނޯ" ހާނަންޑޭޒް އަށެވެ. އެ މީހާއަށް ވުރެ އަފްޝިން 2.7 އިންޗި ކުރެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ވެރިފައި ކޮށްފައިވާ އެންމެ ކުރު މީހުންގެ ތެރެއިން އަފްޝިން ހިމެނެނީ ހަތަރު ވަނައިގަ އެވެ. ނަމަވެސް އޭނާގެ ކުރިއަށް ތިބި ތިން މީހުން މިހާރު ދުނިޔޭގައި ނެތުމުން އޭނާއަށް މި ރެކޯޑް ލިބުނީ އެވެ.

އަފްޝިން އަށް ދުނިޔޭގެ ރެކޯޑް ގާއިމް ކުރެވިފައިވާކަން ޔަގީންކުރުމަށްޓަކައި އޭނާ ޑުބާއީ އަށް ގެންގޮސް ގިނިސް ވޯލްޑް ރެކޯޑްސް އޮފީހުގައި ބަހައްޓައިގެން އޭނާގެ ގައިގައި މިންއަޅާފައި ވެއެވެ. ޑުބާއީގައި ހުރި ދުވަސްތަކުގައި ދުނިޔޭގެ އެންމެ އުސް ބިލްޑިންގް ބުރުޒް ޚަލީފާ ބަލާލަން އަފްޝިން ދިޔަ އެވެ. މިއީ އޭނާ މަރުވުމުގެ ކުރިން ކޮންމެހެން ކުރަން ބޭނުންވެފައިވާ ކަންތަކުގެ ލިސްޓުގައި (ބަކެޓް ލިސްޓްގައި) ހިމެނޭ ކަމެކެވެ.

އަފްޝިން އަކީ އީރާނުގެ ހުޅަނގުގައި އޮންނަ އަޒަބައިޖާން ޕްރޮވިންސްގެ ބޫކަން ކައުންޓީ ކިޔާ ކުޑަ ކުޑަ އެކަހެރި އަވަށެއްގެ މީހެކެވެ. އުފަންވީއިރު އޭނާގެ ބަރުދަނުގައި ހުރީ 700 ގްރާމެވެ. މިހާރު ގާތްގަނޑަކަށް 6.5 ކިލޯގްރާމް ހުރެ އެވެ.