ސިވިލްސާވިސް ކޮމިޝަން

ކޯސް ނިންމިކަމުގެ ލިޔުން ބަލައިގަންނަ ގޮތަށް ބަދަލެއް ގެނެސްފި

Jan 23, 2022

ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން، ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމަށް ބަލައިގަތުމުގައި ވަކި އުސޫލެއް ހަމަޖައްސައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ގޮތުގައި ތަފާތު ގޮތްގޮތަށް އިބާރާތްކޮށްފައި ހުންނަ އަދި ކޯސް ފުރިހަމަކޮށްފައިވާކަން ލިޔުމުން ކަނޑައެޅިގެން އެނގެން ނުހުންނަ ލިޔުންތައް ހުށަހަޅަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުންދާ "ކޯސް ކޮމްޕްލީޝަން" ލިޔުން ދެން ބަލައިގަނެވޭނީ އެ ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީހު ހިމަނާފައި އޮތް ނަމަ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެގޮތަށް ނިންމާފައިވަނީ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދަރިވަރުންނަށް ދޫކުރާ ލިޔުމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބެޗް ވެލިޑޭޓް ކުރުމަށްހު ދޫކޮށްފައިވާ ލިޔުމެއްކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

"ވީމާ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ބަލައިގަތުމުގައި އިދާރާތާކުން މި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ." ސިވިލް ސާވިސް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ސިވިލް ސާވިސްގައި މިދިޔަ މަހުގެ ނިޔަލަށް 27،092 މުވައްޒަފުން މަސައްކަތް ކޮށްފައިވެ އެވެ.