އެންޓިޖެން ޓެސްޓު ހެދުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފި އެވެ. 15 އާއި 20 މިނެޓްތެރޭ ނަތީޖާ ލިބޭ މި ޓެސްޓް ހެދުމަށް ވަކި ސަރަހައްދުތަކެއް މިހާރު ވަނީ ހާއްސަކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ހުޅުމާލޭގައި މިއަދު އެންޓިޖެން ޓެސްޓު ހަދަން ފަށާފައިވާ ކަމަށެވެ. އެއީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައިވާ ސެންޓަރުންނެވެ. މީގެ އިތުރުން މާލޭގައި ހެންވޭރު ދަނޑު އަދި ސޯޝަލް ސެންޓަރުން އެންޓިޖެން ޓެސްޓު ހެދޭނެ އެވެ.
މާދަމާ ފޭސް-2 ގައިވެސް އިތުރު ސެންޓަރެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގައިވެސް އިތުރު ދެ ސެންޓަރަކުން އެންޓިޖެން ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.
އެންޓިޖެން ޓެސްޓު ހަދަނީ ކޮވިޑްގެ އަލާމަތްތައް ހުންނަ މީހުންނެވެ. މިއީ ޕީސީއާރު ޓެސްޓާ ތަފާތުކޮށް ވަރަަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ ޓެސްޓެކެވެ. މި ޓެސްޓުން ޕޮޒިޓިވްވެއްޖެނަމަ އެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއެވެ. އެހެން ކަމުން އެންޓިޖެން ޓެސްޓުން އަވަހަށް ބަލި ދެނެގަނެވި އޭނާގެ ފަރާތުން އެެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
ކޮވިޑަށް ޓެސްޓް ކުރަން ސެންޓަރުތަކަށްދާ މީހުންގެ ތެރެއިން ބަލީގެ އަލާމަތް ހުންނަ މީހުން މިހާރުވެސް ހަދަނީ އެންޓިޖެން ޓެސްޓެވެ.