ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

(17 ޖެނުއަރީ 2021އާ ގުޅޭ)

އޭނާގެ ކޮންމެ ހަރަކާތަކަށް ސިއްރުން ރިޔާޒަށް ފާރަލެވެއެވެ. އަބަދުވެސް އެ ސޫރަ ދެކެން އޭނާ ބޭނުން ވެއެވެ. ގާތް ރަޙުމަތްތެރިޔާގެ ކޮއްކޮއަށް ވެފައި، އުމުރުގައި ހުރި ބޮޑު ތަފާތާ އެކު، ހިތުގައި ބިރުވެރިކަން އޮތަސް އެ ލޯތްބާ ދުރަށް ދާކަށް ރިޔާޒްގެ ވިސްނުމެއް ނެތެވެ. ކައިވެނި ޙަފުލާއިން އެ ކުއްޖާ ފެނުނު ފަހުން ރިޔާޒަށް އެ ނޫން ކަމަކާ ވިސްނޭ ކަމަކަށް ނުވެއެވެ. އަބަދުވެސް ވަނީ އެ ހަނދާންތަކެވެ. އެ ޚިޔާލުތަކެވެ. އެ މޫނުމަތިން ފެންނަ މާޔޫސް ކަމާއި. އެ ހިނިތުން ވުމުގައި ހުންނަ މައުސޫމް ކަމަކީ ރިޔާޒްގެ ހިތުގާ މިފަދަ ބޮޑު ތޫފާނެއް ކައްކުވާލި މައިގަނޑު ސަބަބުތަކެވެ.

"ސަހުލާ.. ސަހޫ." ރިޔާޒް ވައި އަޑަކުން އެ ކުއްޖާގެ ނަން ބުނެލިއެވެ. އެއާ އެކު ރިޔާޒުގެ ތުންފަތުން ދުވެލީ އުފަލުން ފޮޅިފައިވާ ހިނިތުން ވުމެކެވެ. އެ ހިނިތުންވުމުގައި ވަނީ ފުންމިން ނޭނގޭ އިޙްސާސެކެވެ. އެ ހުރިހާ އިހްސާސެއް ގުޅިފައި ވަނީ ސަހުލާގެ ލޯބި ހާސިލް ކުރުމަށެވެ. ކޮންމެ ގޮތަކުން ވިޔަސް، އެލޯތްބާ ގާތްވާން ރިޔާޒް އެދެއެވެ. އެހެން އެތައް އިރަކު ވިސްނަން އޮވެފައި ރިޔާޒްގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައެވެ. އެއީ ސީދާ ސަހުލާ ހާސިލު ކުރެވޭނެ ޚިޔާލަކަށް ނުވި ނަމަވެސް، އެކަމަށް ކޮށައިލެވޭނެ ފަހި ދޮރަކަށް ވާނެ ކަމަށް ރިޔާޒް ދެކެއެވެ.

ހަވީރު 5 ޖަހާ ބޮޑު ވެއްޖެއެވެ. ވަޒީފާ ނިންމާލާފައި ސަހުލާ ގެއަށް އައިސް ވަތް އިރު، އޭނާއަށް ކުރެވުމުން ދިޔައީ ތަފާތު އިޙްސާސެކެވެ. މީހާ އާދަޔާ ޚިލާފަށް ވަރުބަލިވެ، ގައިން ވަރު ދޫވާ ކަހަލަ އިޙްސާސެއް އޭނާއަށް ކުރުވަން ފެށިއެވެ. ނޭވާ ހާސްވާން އުޅޭހެން އޭނާއަށް ހީވެއެވެ. ޖައިޝް މިވަގުތު ވަޒިފާގައި ވުމުން، އޭނާއަށް ގުޅަން ސަހުލާ ބޭނުން ނުވީ، މީ އޭނާ ބުރަކޮށް އުޅުމުން ވާގޮތެއް ކަމެއް ހީކޮށެވެ. އެއްވެސް ވަރަކަށް މިކަންތައް ސީރިއަސް ކޮށް ނަގަން ސަހުލާ ބޭނުން ނުވީއެވެ. އެނދުގައި ސަހުލާ އޮށޯވެލީ ވަރަށް ޙާލުންނެވެ. މުޅި ގަޔަށް ރިއްސާކަން ވެސް ސަހުލާއަށް ރޭކައިލީ ދެނެވެ. އަރައިގެން ތަދުން ސަހުލާ ފޯނު ވެސް ނެގިއެވެ. ވަގުތުން ޖައިިޝްއަށް ގުޅާށެވެ. ނަމަވެެސް އޮށޯވެލެމާ އެކު ތަދަށް ލިބުނު ލުއިން ސަހުލާ ފޯނު ބޭވިއެވެ. އަދި ދެލޯ މަރައިލީ ބާލިހުގައި ބައްދައިގަންނަމުންނެވެ.

ޑިއުޓީ ނިންމާފައި ޖައިޝް ގެއަށް އައިސް ވަތް އިރު ރޭގަނޑު 10 ޖަހައިފިއެވެ. ކާގެއަށް ވަދެ ކަރު ހިއްކުން ފިލުވައިލުމަށްފަހު ޖައިޝް ހިނގައިގަތީ ކޮޓަރިއަށެވެ.

"ސަހޫ.. ހާދަ އަވަހަށް ނިދާފަ.." ޖައިޝް ކޮޓަރިިއަށް ވަތް ގޮތަށް އެހެން ބުނެލީ މަޑުމަޑުންނެވެ. އެއްޗެހި ބަދަލުކޮށްލުމަށްފަހު، ޖައިޝް އޮށޯވެލީ ސަހުލާގެ ގާތުގައެވެ. އަދި ވަރަށް ލޯބިން އޭނާގެ ގައިގައި ބައްދައިލިއެވެ.

"ސަހޫ." ޖައިޝްއަށް ހީވީ އޭނާގެ ގަޔަށް ކަރަންޓު ޖެހުނުހެންނެވެ. ސަހުލާގެ ގައިގައި އަތް ލުމާ އެކުގައި ޖައިޝްއަށް ފުންމައިގެން ތެދުވެވުނެވެ. ސަހުލާގެ ހަށިގަނޑުގެ ހޫނުކަމުން ޖައިޝް ގަތީ ފުރަތަމަ ބިރެވެ. ވަރަށް އަވަހަށް ސަހުލާގެ މޫނު އަނބުރައިލުމަށްފަހުގާ ސަހުލާގެ ކޮލުގައި މަޑުމަޑުން ޖައިޝް ޖަހާލިއެވެ. ސަހުލާއަށް ގޮވަމުންނެވެ. ނަމަވެސް އޭނާގެ އެއްވެސް ޚަބަރެއް ނެތްކަން ޖައިޝްއަށް ޔަޤީން ވިއެވެ. ޖައިޝް އެންމެ ސިކުންތެއް ވެސް ލަސްނުކޮށް ސަހުލާ އުރާލައިގެން ކޮޓަރިން ނުކުމެގެން ދުއްވައިގަތީ ބޭރަށެވެ. އިރުގަނޑަކު މަގުމަތީގައި ސަހުލާ އުރާލައިގެން ދުވަމުން ކަހަލަ ގޮތަކަށް ގޮސްފައި، އެންމެ ފަހުން މަގުމަތިން ފެނުނު ކާރަކަށް ސަހުލާ އަރުވައިގެން އެމީހުން މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާލަށެވެ. ސަހުލާ ބަނޑުބޮޑުކަން އަދިވެސް ޢާއިލާއަށް ސިއްރުވެފައި ވުމުން، ސަހުލާގެ ޢާއިލާއަށް އެއްވެސް ކަމެއް އަންގަން ޖައިޝް އަދި ބޭނުން ނުވީއެވެ.

ދަންވަރުގެ ވަގުތެވެ. ޖައިޝް އާއި ރިޝްފާ ހާސް ކަންމަތީގައި ހުއްޓިލައިގެން ތިބީ ޑޮކްޓަރުގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

"ވަރަށް ބިރު ގަނޭ އެބަ.. މަގޭ ސަހޫ އަށް ކަމެއް ވެއްޖިއްޔާ.." ދޭތެރެ ދޭތެރެއިން ޖައިޝްގެ ދުލުން ބޭރު ވަނީ އެހެންނެވެ. ރިޝްފާ މަސައްކަތް ކުރަމުން ދިޔައީ ޖައިޝްއަށް ވިސްނާ ދެވޭތޯއެވެ. އެގޮތުގައި އެމީހުން ތިއްބާ އެމީހުންގެ ގާތަށް ޑޮކްޓަރު ދިޔައެވެ.

"ކިހިނެއްތޯ ވީ މަގޭ ސަހޫއަށް.. އެއްވެސް މައްސަލައެއް އުޅޭތޯ؟ ނޫޅޭ ދޯ؟" ޖައިޝް ވާހަކަދެއްކީ ތެޅިތެޅި އޮތް ހިތަކާ އެކުގައެވެ.

ޑޮކްޓަރު ބަލައިލީ ރިޝްފާގެ މޫނަށެވެ. ރިޝްފާ އެސްފިޔަ ޖަހާ ނުލާ ބަލަހައްޓައިގެން އިނީ ޑޮކްޓަރުގެ މޫނަށެވެ. ޑޮކްޓަރުގެ މޫނުމަތިން އޭނާ ބުނަން އުޅެނީ ރަނގަޅު، އަޑު އަހަން ފަސޭހަ ވާހަކަތަކެއް ނޫންކަން ދިޔައީ ޔަޤީން ވަމުންނެވެ.

"އައިމް ސޮރީ.. ބޭބީ.." ޑޮކްޓަރަށް ބުނެވުނީ އެވަރަށެވެ. ޑޮކްޓަރު އަތް ބާއްވައިލީ ޖައިޝްގެ ކޮނޑުގައެވެ. އަދި ޖައިޝްއަށް ހިތްވަރު ދިނެވެ.

"ބޭބީ އަށް ކިހިނެއްވީ؟" ޖައިޝްގެ ދުލުން އެ ސުވާލު ބޭރުވީ ތުރުތުރު އަޅާ ޙާލުގައެވެ.

"ބޭބީގެ ދިރުމެއް ނެތް. އެހެންވެ ސަހުލާއަށް މެޑިކޭޝަން ދީ، އެކަން ނިންމާލަން ޖެހުނީ.. ސަހުލާ ރަނގަޅު. ސަހުލާގެ ޙާލަތު އިތުރަށް މޮނިޓާރ ކޮށްފަ، ކަމެއް ނޫޅެންޏާ 3 ވަރަކަށް ދުވަސް ފަހުން ދޫކޮށްލާނަން.." ޑޮކްޓަރު އެހެން ބުނެ އެތަނުން ދިޔައީ ޖައިޝްގެ ބުރަކަށީގައި އަތުން ފިރުމައިލުމަށްފަހުގައެވެ. ރިޝްފާ އާއި ޖައިޝް ހުރީ ހުއްޓުން އަރާފައެވެ. ކަންފަތުގެ ހިނދުރީގައި ޖެހުނީ އެއްވެސް ގޮތަކަށް އެމީހުންނަށް އަޑު އަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެއީ އެމީހުންނަށް އުނދަގޫ، ޤަބޫލު ކުރަން ދަތި ވާހަކަތަކެކެވެ. ފަހަތަށް ފިޔަވަޅު ނަގަމުން ގޮސް، ޖައިޝް ޖެހިގަތީ އޭނާގެ ފަހަތުގައި އިން ގޮޑިއަށެވެ. ރިޝްފާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.

ފެށިގެން ދިޔަ އައު ދުވަހަކީ ޖައިޝް އާއި ސަހުލާގެ ޙަޔާތަށް ކަޅު ދުވަހެކެވެ. 3 ދުވަސް ފަހުން ސަހުލާ ގެއަށް ދޫކޮށްލުމުން، އޭނާގެ ކަމަކީ މޫނުމަތީގައި ބާލިސް އަޅައިގެން އޮތުމެވެ. ޖައިޝް ވެސް އެއްވެސް އެއްޗެއް ނުބުނެ ކޮޓަރީގެ ކަނަކަށް ޖެހިގަނެގެން އިނެވެ. އެދެމީހުން ތިބީ ދުށް ހުވަފެނުގައި ކުލަ ނުޖެހި، އެކަން ނިމުމުން އެކަމުގެ އަސަރު ކިތަންމެ ހާވެސް ބޮޑަށް ކޮށްފައެވެ. ވަގުތުކޮޅަކު އޮށޯވެގެން އޮތުމަށްފަހު ސަހުލާ އެނދުން ތެދުވިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް އިށީންނީ ޖައިޝްގެ ގާތުގައެވެ. އަދި ޖައިޝްގެ ބޮލުގައި ސަހުލާގެ ބޯ ޖައްސާލުމަށްފަހުގައި އޭނާވެސް ފެށީ ރޯންށެވެ. ޖައިޝްއާ އެކުގައެވެ.

ހަރުކޮށް ހިނގާފައި ރިޔާޒް ދިޔައީ ރިވާ ގެސްޓު ހައުސްއާ ދިމާލަށެވެ. ރިޔާޒްގެ ހިތުގައި ވަނީ ނުލަފާ ރޭވުމެކެވެ. އެ ރޭވުން ރިޔާޒް ރޭވީ ނިކަން ރަނގަޅަށް ޖައިޝް ދަސްކޮށްފައެވެ. ރިޔާޒަށް އެކަމަށް އެންމެ އެހީތެރިވީ ޔުއާދެވެ. ރިޔާޒް މިހުރިހާ ކަމެއް ކުރަނީ ހަމައެކަނި ސަހުލާގެ ލޯބި ހޯދުމަށެވެ. މީހަކަށް ދެރައެއް ދިނުން އެއީ ރިޔާޒް ގަޔާވާ ކަމެއް ނޫނެވެ. ނަމަވެސް ލޯބި އައުމުން އެކަމަށް ރިޔާޒް ކޮންމެ ކަމެއް ވެސް ކުރާނެއެވެ.

ރިވާ ގެސްޓު ހައުސްއަށް ވަނުމާ އެކުގައި ރިސެޕްޝަންގައި އިން ކުއްޖާއާ ކޮންމެވެސް ވާހަކަތަކެއް ދައްކާފައި ރިޔާޒް ވަނީ އޭނާގެ އޮފީސް ބަޔަށެވެ. އަދި ވަރަށް އަވަސްކޮށް ރިޔާޒް އޭނާގެ ޕްލޭނާ އެއްގޮތަށް މަސައްކަތްތަށް ރާވައިލިއެވެ. (ނުނިމޭ)