ލައިފްސްޓައިލް

ފައިބުރިއެއް ހިނގާފައިދާ މަންޒަރު! ކިހިނެއްވީ ކަމެއް؟

މިޒަމާނުގައި ގޫގުލް މެޕަކީ ވެސް ހަމައެކަނި ސާޗް އިންޖީނެއް ނޫނެވެ. އެއަށް ވުރެ މާގިނަ ކަންކަމަށް ގޫގުލް މެޕް ވެސް ބޭނުން ކުރެ އެވެ.

ކޮންމެ ކަހަލަ މައުލޫމާތެއް ހޯދާލަން ބޭނުން ވިޔަސް މިހާރު ކޮންމެ މީހަކުވެސް އަހަނީ ގޫގުލް މެޕް ކައިރީގަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މީހަކު ޝެއާ ކުރި ވާހަކައެއްގައި ބުނެފައިވާ ގޮތުގައި އޭނާ ގޫގުލް މެޕުން ނެގި ފޮޓޮއެއްގައި އިންސާނެއްގެ ފައިގެ ކަކުލުހުޅުން ތިރީބައި މަގެއް މަތިން ހިނގާފައިދާ ތަން ފެނުމުން ހައިރާންވެ އަންތަރީސްވި ކަމަށެވެ.

ބީޗެއްގައި ހިނގާފައިދާ ތަން ފެންނަ މި ފައިގައި ފައިވާން ކިބައެއް ވެސް ހުއްޓެވެ. މި ފޮޓޯގައި ފެންނަނީ ފައިގެ ތިރީބައި އެކަންޏެވެ. އެމީހާގެ ހަށިގަނޑުގެ އެހެން އެއްވެސް ބައެއް ފެންނާކަށް ނުހުރެ އެވެ.

މި ފޮޓޯ ޝެއާ ކުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މި ފޮޓޯއާ މެދު ބަހުސްކުރަން ފަށާފަ އެވެ. އެއްބަޔަކަށް މިއީ މަޖާ ކަމަކަށް ވެގެން ޖޯކު ޖެހިއިރު އަނެއް ބަޔަކު ގަތީ ބިރެވެ.

މި ފޮޓޯއަށ ޖޯކު ޖަހައި ކޮމެންޓްކުރި މީހަކު ބުނެފައިވަނި މިފަހަރު ޗުއްޓީއަށް އައީ މިފައި އެކަނި ކަމަށެވެ. އަނެއް މީހަކު ބުނީ ފޮޓޯ ނެގި މީހާ އޭނާގެ ފައި ގެއްލިގެން އެބަ ހޯދާ ކަމަށެވެ. އެންމެ މަޖާ ކޮމެންޓެއް ކުރީ ތިން ވަނަ މީހާ އެވެ. އޭނާ ބުނީ ފަގީރު މީހަކަށް ވީމަ މުޅި ހަށިގަނޑު ޗުއްޓީއަށް ނުގެންދެވިގެން ހަމައެކަނި ފައި ގެންދިޔައީ ކަމަށެވެ.

މިއީ ގޫގުލް މެޕުން މިކަހަލަ އަޖައިބުވާ ކަހަލަ މަންޒަރުތައް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ބައެއް މީހުންނަށް އެމީހުންގެ މަރުވެފައިވާ އެކުވެރިން ނުވަތަ އާއިލާގެ މީހުން ވެސް ބައެއް ފަހަރަށް ގޫގުލް މެޕުން ފެނުނު ކަމަށް ބުނެފައި ވެއެވެ.