ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިވެހިންނަށް އުފަންވާ ކުދިން ރާއްޖޭގައި ރެޖިސްޓްރީކޮށްދޭނީ ކޯޓުން ކަނޑައެޅުމުން ކަމަށް ކަނޑައަޅައި އުސޫލެއް އެކުލަވާލައިފި އެވެ.
މިގޮތަށް ކަނޑައަޅާފައި ވަނީ އިއްޔެ ގެޒެޓްކޮށްފައިވާ ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާ ބެހޭ އުސޫލުގަ އެވެ.
މި އުސޫލު ބުނާގޮތުގައި ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހިންނަށް އުފަންވާ ކުދިން ރާއްޖޭގައި ރަޖިސްރީ ކުރަން ބޭނުންވާނަމަ އެންމެ ފުރަތަމަ ޖެހޭނީ އެ މައްސަލަ ޝަރުއީ ކޯޓަށް ހުށަހަޅާށެވެ. ކޯޓުން އެކުއްޖާ އަކީ ދިވެހި ރައްޔިތެއްގެ ދަރިއެއްކަން ކަނޑައެޅުމުން ނޫނީ ރާއްޖޭގައި ރަޖިސްޓްރީއެއް ނުކޮށްދެވޭނެ އެވެ.
އުފަންވާ ކުއްޖާއަކީ ދިވެއްސެއްގެ ދަރިއެއްކަން ކޯޓުން ކަނޑައަޅައިފިނަމަ، އެ ނިންމުން ނިންމާތާ ހަތަރު ދުވަސް ތެރޭގައި އެކުއްޖާ އުފަންވުން ރަޖިސްޓްރީ ކުރުމަށާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމަށް ސިޓީ ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލު ބުނެ އެވެ.
ސިޓީ ހުށަހަޅަން ޖެހޭނީ އެކުއްޖާ ރަޖިސްޓްރީ ކުރަން ބޭނުންވާ ރަށުގެ ކައުންސިލަށެވެ. ސިޓީއާ އެކު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ވެސް ހުށަހަޅަން ޖެހެ އެވެ.
ހަނގުރާމަވެރި ސަރަަހައްދުތަކަށްދާ ދިވެހިން ގިނަފަހަރަށް ތިބެނީ އެނބުރި ރާއްޖެ ނާދެވިފަ އެވެ، އެގޮތަށް ދާ ވަރަށް ގިނަ ދުވެހިން މަރުވެފައި ވެސް އެބަ ހުއްޓެވެ.
ހަނގުރާމަތަކަށް ގޮސްފައި އަންނަ ދިވެހިންނާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ވެސް ވަރަށް ފަހުން ވަނީ ގެޒެޓްކޮށްފަ އެވެ.